ބަޑިން ހަމަލާދިން ކުއްޖާ ސްކޫލަށް ދިޔައީ ކާފަޔާއި މާމަ ގަޔަށް ބަޑިޖަހާ މަރާލުމަށްފަހު ގޭގެ ދޮރުން ބޭރުން ތަޅުލުމަށް ފަހު
ބަޑިން ހަމަލާދިން ކުއްޖާ ސްކޫލަށް ދިޔައީ ކާފަޔާއި މާމަ ގަޔަށް ބަޑިޖަހާ މަރާލުމަށްފަހު ގޭގެ ދޮރުން ބޭރުން ތަޅުލުމަށް ފަހު
ތައިލެންޑުގެ ބެންކޮކްގެ ރަށްބޭރުގައި ހުންނަ ސްކޫލެއްގައާއި ގެއެއްގައި ހިނގި ބަޑީގެ ނުރައްކާތެރި ހާދިސާގައި ޒަޚަމްވި 12 އަހަރުގެ އަންހެން ކުއްޖަކު، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެން މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު ނުވަޔަކަށް އަރައިފިއެވެ. މަރުވި މީހުންގެ ތެރޭގައި ހަމަލާދިން ކުއްޖާވެސް ހިމެނެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ރާއްޖެގަޑިން ގާތްގަނޑަކަށް 8:00 (ލޯކަލް ގަޑިން 10:00) ހާއިރު، ނޮންތަބުރީ ޕްރޮވިންސްގެ ޑެބްސިރިން ނޮންތަބުރީ ސްކޫލުގައެވެ. ތަހުގީގީ އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި، އުމުރުން 14 އަހަރުގެ މި ކުއްޖާ ސްކޫލަށް ގޮސް ހަމަލާދިނުމުގެ ކުރިން، އޭނާ ދިރިއުޅޭ ގޭގައި އޭނާގެ ކާފައާއި މާމަވެސް ވަނީ މަރާލާފައެވެ.

ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ބެންކޮކްގެ އިންސްޓިޓިއުޓް އޮފް ފޮރެންސިކް މެޑިސިންއިން ވަނީ މަރުވި އަށް މީހެއްގެ ހަށިގަނޑު އާއިލާތަކާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ސްކޫލުގެ ފަސް މުވައްޒަފުންނާއި، ހަމަލާދިން ކުއްޖާގެ އިތުރުން އޭނާގެ ކާފައާއި މާމަ ހިމެނެއެވެ.

ތައިލެންޑުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޒަޚަމްވި 14 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސްއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނެވެ.

ފޮރެންސިކް އިންސްޓިޓިއުޓްގެ ވެރިޔާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގިނަ މީހުން މަރުވާން މެދުވެރިވީ ހަށިގަނޑުގެ ނާޒުކު ގުނަވަންތަކަށް، ހާއްސަކޮށް ބޯ އަދި މޭމައްޗަށް އެރި ބަޑީގެ ވަޒަންތަކުގެ ސަބަބުން ކަމަށެވެ. އަދި ހަމަލާދިން ކުއްޖާ މަރުވެފައިވަނީ އަމިއްލައަށް ގަޔަށް ބަޑިޖަހައިގެންކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އެ ކުއްޖާގެ ކާފަގެ ނަމުގައި ގާނޫނީގޮތުން ރަޖިސްޓްރީކޮށްފައިވާ ކުޑަ ބަޑިއެކެވެ. ރިޕޯޓްތައް ބުނާގޮތުން، ކާފައާއި މާމައާއެކު ދިރިއުޅެމުންދިޔަ މި ކުއްޖާއަކީ ސްކޫލާ ގުޅޭ ކަންކަމުގައި ފަހަކަށް އައިސް ނަފްސާނީ ގޮތުން ބޮޑެތި ނުތަނަވަސްކަން ތަހައްމަލު ކުރަމުންދިޔަ ކުއްޖެކެވެ. ނަމަވެސް އާއިލާގެ ބައެއް މެންބަރުން ބުނެފައިވަނީ އެފަދަ އެއްވެސް މައްސަލައެއް އުޅޭކަން ކުރިން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސްކޫލުގެ ކިޔެވުން އޮގަސްޓް 14 ގެ ނިޔަލަށް މެދުކަނޑާލައި، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވަނީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް ހަރުކަށި އާ ގާނޫނެއް ތައާރަފު ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. މި ގާނޫނުގެ ދަށުން އާންމު ރައްޔިތުން ހަތިޔާރު ގެންގުޅުން މަނާކުރެވި، ބަޑި ގެންގުޅުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ހަމައެކަނި ޑިއުޓީގައި އުޅޭ ސަރުކާރުގެ ރަސްމީ މުވައްޒަފުންނަށް އެކަންޏެވެ.

އޭޝިއާ ސަރަހައްދުގައި އެންމެ ގިނައިން ބަޑި ގެންގުޅޭ ގައުމުތަކުގެ ތެރޭގައި ތައިލެންޑު ހިމެނޭއިރު، 2017 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ގައުމުގެ އާންމުންގެ އަތުގައި 10.3 މިލިއަނަށްވުރެ ގިނަ ބަޑި ހުއްޓެވެ. މީގެ ތެރެއިން 40 އިންސައްތައަކީ އެއްވެސް ރަޖިސްޓްރީއެއް ނެތް ހަތިޔާރެވެ. ފަހަކަށް އައިސް ތައިލެންޑުގައި ބަޑީގެ ހަމަލާތައް ދިނުމުގެ ހާދިސާތައް ވަނީ ނިސްބަތުން އިތުރުވާން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު