ނ. މާޅެންދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ޕާކު، ފޮޓޯ: ފެނަކަ
ނ. މާޅެންދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ޕާކު، ފޮޓޯ: ފެނަކަ
ނ. އަތޮޅުގެ ދެ ރަށެއް ކަމަށްވާ މާޅެންދޫ އަދި ކުޑަފަރީގައި ސަރުކާރުގެ ޚަރަދުގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތައް ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުތަކަކީ ރަށްރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ މަސައްކަތްތަކެކެވެ.

މި ދެ ރަށުގެ ތެރެއިން ކުޑަފަރީގައި ތަރައްޤީކުރި ޕާކު ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދާއި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ސާލިމެވެ. މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވެފައިވެއެވެ.

ނ. މާޅެންދޫގައި ތަރައްޤީކުރި ޕާކު ހުޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިންއާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދު އަދި ސްޓޭޓް މިނިސްޓަރ އަޙުމަދު ސާލިމެވެ. މި ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ ރައްޔިތުން ވަރަށް ފޯރިއާއެކު ބައިވެރިވިއެވެ.

މި ދެ ރަށުގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 29 މާރިޗު 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން ޕާކުތަކަށް ބޭނުންވާ ޒަމާނީ ކުޅޭ ސާމާނު ހޯދައި އިންސްޓޯލްކުރުމާއި، ޕާކު ހިމެނޭ ސަރަޙައްދު ލޭންޑްސްކޭޕްކޮށް ހިތްފަސޭހަ މާޙައުލަކަށް ހެދުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި މި ޕާކުތަކަކީ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ކުޅިވަރު ކުޅެލުމުގެ ފުރުޞަތު ދިނުމަށާއި، އާއިލާތަކުން އެކުގައި ވަގުތު ހޭދަކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބިނާކުރި ތަންތަނެވެ.



ކިޔުންތެރިންގެ ހިޔާލު