ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދު
ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދު
ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދުގެ ހާލަތު ސީރިއަސްވެ، އައިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ސާއިދުގެ ހާލު ބޮޑުވެގެން އައިސީޔޫއަށް ބަދަލުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ދެ ކިޑްނީ ފެއިލްވުމާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން ފަރުވާ ހޯދަމުން އަންނަ ސާއިދު، މި މަހުގެ 13 ވަނަ ދުވަހު އިތުރު ފަރުވާއަށް ސްރީލަންކާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އާސަންދައިގެ އެހީގައި ފުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ވަނިކޮށް ހާލަތު ގޯސްވިއިރު، އޭނާ ދިޔައީ ގަވާއިދުން ޑަޔަލަސިސް ހަދަމުންނެވެ.

2009 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ސާއިދަކީ ޕީއެސްއެމްގެ ކުޅިވަރު ޑެސްކުގެ އެޑިޓަރެއްގެ ގޮތުން ނަމޫނާ މަސައްކަތްތަކެއް ކޮށްފައިވާ ހީވާގީ ނޫސްވެރިއެކެވެ. ބަލީގެ ދަތިތަކާއެކުވެސް ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ކުޅިވަރުގެ އެކި ޕްރޮގްރާމްތަކާއި ކޮމެންޓްރީ ގެނެސްދިނުމުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައެވެ.

ސާއިދަކީ ކުޅިވަރު އާއިލާގެ އިހުތިރާމާއި ލޯބި ހޯދާފައިވާ، ހިތްހެޔޮ މިޒާޖެއްގެ ޝަޚްޞިއްޔަތެކެވެ. މި ދަނޑިވަޅުގައި އޭނާއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި އާއިލާއާއި ރަހުމަތްތެރިން ވަނީ އެންމެހައި ފަރާތްތަކުގެ ހެޔޮ ދުޢާއަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް