ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން
އިސްލާމްދީނަށް ހަޖޫ ޖަހާ، ފުރައްސާރަކޮށް، ނުރުހުން ފާޅުކޮށް މުސްލިމުންނާމެދު އަނިޔާވެރިކަން ޕްރޮމޯޓު ކުރުމުގައި، ހަރުކަށި ފިކުރުގެ ވެރިން މީސްމީޑިޔާގައި ހަރަކާތްތެރިވަމުންދާކަން ފޭސްބުކްގެ ސީއީއޯ މާކް ޒަކާބާރގްގެ ސަމާލުކަމަށް ގެނަސް އެކަން ހުއްޓުވައި ދިނުމަށް އެދިވަޑައިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އޭނާއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މިސިޓީގައި، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނާއި ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި ޔަހޫދީންތަކެއް މަރައި ހިންގި 'ހޮލަކޯސްޓް' އާއި ބެހޭގޮތުން ހިޔާލު ފާޅުކުރުމާއި، ޕްރޮމޯޓުކުރުން ފޭސްބުކްގައި މަނާ ކުރެވިފައިވާކަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ފާހަގަކުރައްވާ މާކް ޒަކާބާރގްއަށް ޝުކުރުއަދާކޮށްފައިވެއެވެ.

އަދި ހަމަ މިމޭރުމުން ލާއިންސާނީ އަމަލުތަކެއް މިއަދު މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ތަހައްމަލު ކުރަންޖެހިފައި ކަމަށްވެސް މިސިޓީގައިވެއެވެ. މިގޮތުން ބައެއް ގައުމުތަކުގައި މުސްލިމުންގެ މިނިވަންކަމާއި ހައްގުތަކަށް އަރައިގަނެފައިވާކަންވެސް މިސިޓީގައިވެއެވެ. އަދި އިންޑިޔާގައި މުސްލިމުންނާ ދެކޮޅަށް ހެދިފައިވާ ގާނޫނުތަކުންް މުސްލިމުންނަށް އަނިޔާ ކޮށް މަރަމުން ދާކަމަށް މިސިޓީގައިވެއެވެ.

މިގޮތުން އިންޑިޔާގައި، މުސްލިމުންނާމެދު ކުރެވޭ ތަފާތު ކުރުންތައް ގިނަވެ، ކޮރޯނާ ވައިރަސް ފެތުރުމުގެ އިލްޒާމު އިންޑިޔާގެ މުސްލިމުންގެ ބޮލުގައި އަޅުވަމުން ދާކަމަށްވެސް މިސިޓީގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ފްރާންސްގައި މުސްލިމުންނަކީ ޓެރަރިސްޓުން ގޮތުގައި ހަދައި އެ އިލްޒާމު މުސްލިމުންގެ ބޮލުގައި އަޅުވައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުކުރަހައި އާންމުކޮށްފައިވާކަން ބޮޑުވަޒީރު އިމްރާންގެ ސިޓީގައި މާކް ޒަކާބާރގްގެ ސަމާލުކަމަށް ގެނަސްފައި ވެއެވެ. މިގޮތަށް ކަންތައް ހިނގަމުންދާނަމަ ފްރާންސްގައި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތަކެއް ހިނގުމަށް މަގުފަހިވެދާނޭ ކަމުގައި ވެސް އިމްރާން ޚާން ފާހަގަކުރައްވާފައިވެއެވެ.

މިސިޓީގައި، އިސްލާމްދީނަށް ހަޖޫ ޖަހާ، ފުރައްސާރަކޮށް، ނުރުހުން ފާޅުކޮށް ޕްރޮމޯޓު ކުރުމާއި، މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ އަމަލުތައް ހުއްޓުވައި، މިކަންކަން ފޭސްބުކްގައި ޕްރޮމޯޓުކުރުން މަނާކުރުމަށް އިމްރާން ޚާން ވަނީ މާކް ޒަކާބާރގްއަށް ގޮވާލައްވާފައެވެ.



މީގެ އިތުރުން ފޭސްބުކް މެދުވެރިކޮށް އެއްވެސް ބަޔަކަށް ފުރައްސާރަކޮށް، ނުރުހުން ފާޅުކޮށް ޕްރޮމޯޓުކުރުން މަނާ ކުރެވެން ޖެހޭނެކަމަށްވެސް އިމްރާން ޚާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން