ރާއްޖޭގައި މިހާރު އޮތީ އެމްޑީޕީގެ ސަރުކާރުގައި ޑޮލަރު ނުލިބިގެން އުޅުނު ފަދަ ހާލަތެއް ނޫން ކަމަށާއި، ތާރީޚުގައިވެސް ނުލިބޭ ވަރަށް މިހާރު ރަސްމީ ރޭޓުގައި ދިވެހި ބޭންކުތަކުން ޑޮލަރު ދޫކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ސަޢީދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރަސްމީ ރޭޓުގައި ދޫކުރެވޭ ޑޮލަރާއި، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރާ ޑޮލަރަށް ބަލާއިރު، 2021 ވަނަ އަހަރު ބޭންކުތަކުން ދޫކޮށްފައިވަނީ މަހަކު ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، މިހާރު ބޭންކުތައް މެދުވެރިކޮށް މަހަކު ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދޫކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އީ-ކޮމާސްގެ ދާއިރާއަށްވެސް ޔޫއެސް ޑޮލަރުގެ ސަޕޯޓް ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވަނީ އެމްޑީޕީގެ ވެރިކަމާ އަޅާބަލާއިރު މިހާރު ރަސްމީ ރޭޓުގައި ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

"ދަންނަވަން މިއުޅޭ ވާހަކައަކީ، އެމްޑީޕީގެ ސަރުކާރުގައި އޭރުގައި އޮތް ހާލަތެއް ނޫން މިހާރު މިއޮތީ. މިހާރު ޑޮލަރު ދޫކުރާ އަދަދު—ވިޔަފާރިވެރިންނަށް، ކިޔަވަމުންދާ ދަރިވަރުންނަށް، މެޑިކަލްއަށް، އަދި ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭންކު މެދުވެރިކޮށް ދޭ އަދަދު މިހުރީ އެމްއެމްއޭއިންވެސް އަދި ބީއެމްއެލްއިންވެސް ދުވަހަކުވެސް މީގެ ކުރިން ދޫނުކުރާ އަދަދަށް،" މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އުފުލޭ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެކަން އެގޮތަށް ހިނގަނީ ބޭންކިންގ ސިސްޓަމްގެ ތެރެއަށް ޑޮލަރު ނުވައްދައި، ބްލެކް މާކެޓުގައި ޑޮލަރު ލިބޭ ފަރާތްތަކުން އެ ތަކެތި ވިއްކާތީ ކަމަށެވެ. އަދި އެކަމަށް ހިތްވަރު ލިބެނީ ބައެއް ނޫސްތަކުގެ ހެޑްލައިންތަކާއި، ކުރީގެ ވެރިން ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ކަމަށްވެސް ވަޒީރު ތުހުމަތު ކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން މާކެޓުގައި ނުތަނަވަސްކަން އުފައްދައި، ކަޅު ބާޒާރަށް ހިތްވަރުދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކަށް ފާޑުވިދާޅުވެ މިނިސްޓަރު ސައީދު ވިދާޅުވީ، މިއީ ސިޔާސީ ބޭނުމަކަށްޓަކައި، މީހުން މުޒާހަރާ އަށް ޖަމާކުރުމަށް ރާވައިގެން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް މިއަދު މިކަމުގެ ހަގީގަތް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ސަޢީދު ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ސަޢީދު ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އޭރު އެމްއެމްއޭގެ ދޮރާށިން ފެށިގެން މަސްމާކެޓާ ހަމައަށް ޑޮލަރު ނުލިބިގެން ކިއު ހަދަންޖެހުނު ކަމަށާއި، ޑޮލަރުގެ އަގު ކުޑަކުރުމަށް 10 ރުފިޔާގެ ބޭންޑެއް ކަނޑައަޅައި 15.42 އަށް ރޭޓު ބަދަލުކުރުމުންވެސް، ސަރުކާރު ނިމުނުއިރު މާކެޓު ރޭޓު 17 ރުފިޔާއަށްވުރެ މައްޗަށް ދިޔަކަން ސަޢީދު ފާހަގަކުރެއްވިއެވެ.

އަދި އޭރު މަޖީދިއްޔާ ސުކޫލަށް ރައީސް ނަޝީދު ވަޑައިގެން ދަރިވަރުންނަށް ކްލާސް ނަންގަވައިދެއްވައިގެން ޑޮލަރުގެ އަގު ތިރިކުރާނެ ގޮތްތައް ކިޔައިދެއްވި ނަމަވެސް، އިޤްތިޞާދީ ގޮތުން އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށްވިދާޅުވެ، މިނިސްޓަރު ސަޢީދު ވަނީ އިދިކޮޅު ފަރާތްތަކުން ދައްކަވާ އިޤްތިޞާދީ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

މީގެ އިތުރުން ސަޢީދު ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ގައުމު އަލުން ތެދުވުމުގެ މަސައްކަތް ހިނގަމުންދާއިރު، އިގްތިސާދަށް ނުރައްކާވާ ފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްްވާފައެވެ. އަދި ރައީސް ޑރ. މުއިއްޒު ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއެއް ގައުމަށް ހޯދައިދިނުން ކަމުގައި ސަޢީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް