ޑރ. އަބްދުﷲ ފައިރޫޝް
ޑރ. އަބްދުﷲ ފައިރޫޝް
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ކުރިން ފުރައްވާފައިވާ ފައިރޫޝް، މީސްމީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މައުލޫމާތު ދެއްވި ގޮތުގައި، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އެކަމާމެދު ރަނގަޅަށް ވިސްނެވުމަށްފަހުގައެވެ.





އަދި މިއީ ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ނިންމާލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުގައި އެކުގައި މަސައްކަތް ކުރެއްވި އެކުވެރިންނަށާއި މުއައްސަސާތަކަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެއަށްފަހު، އޭނާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ މަގާމަށް ބަދަލުކުރެއްވީ އޮކްޓޯބަރު 2024 ގައެވެ.

ފުލުހުންގެ ހިދުމަތުން 2021 ވަނަ އަހަރު ރިޓަޔާ ކުރެއްވުމަށްފަހު ފައިރޫޝް ވަނީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންފައެވެ.

އެގޮތުން، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އަރިހުގައިވެސް އޭނާ ވަނީ ސިޔާސީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު