ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދަކީ ދިވެހިންގެ ހިތްވަރާއި ކެރުންތެރިކަން ހާމަކޮށްދޭ ފުރިހަމަ ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ފަސްޓްލޭޑީ ވިދާޅުވީ، ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުން ރަމްޒުކޮށްދެނީ ދިވެހިންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަމާއި ސާބިތު އަޒުމް ކަމަށެވެ.

އަދި ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާޢުގައި ގުރުބާނީތަކެއް ވެވަޑައިގަތް އަގުހުރި ބަތަލުންގެ ޒިކުރާ އާކުރައްވަމުން، އެކަމަނާ ވަނީ ގައުމީ ދުވަހުގެ އިހްލާސްތެރި ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.



ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްވެ، ލިބުނު މަތިވެރި ނަސްރާއި ފަތަހަ އާ ގުޅުވައިގެންނެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރައްވައި، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ހޯއްދަވައިދެއްވި މަތިވެރި މިނިވަންކަމުގެ ހަނދާންތައް އައުކޮށް، އެ މަތިވެރި ޖިހާދުން އިބުރަތް ހާސިލުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު