ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ބައްދަލު ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ބައްދަލު ކުރައްވަނީ
ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު ޝާއިޢުކުރެވުނު މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމަށާ، މީގެ ތެރެއިން ބައެއް މަޝްރޫޢުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭއިރު 2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވެގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެވި، މާލަސްތަކެއްނުވެ ޢަމަލީ މަސައްކަތްތައް އަލުން ފެށިގެންކުރިއަށްދާނެކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާ، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ތަންފީޒުކުރެއްވިކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭނެ ވަކި ޚިދުމަތްތަކެއް ހުންނަ ކަމަށާ، މިމޭރުމުން ކުރިއަށްގެންދެވޭ މަސައްކަތްތައްވެސް ހިނގަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު