ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން ހޫނު މަރުހަބާ އެއް
ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން ހޫނު މަރުހަބާ އެއް
ދިވެހިރާއްޖޭގައި އިސްލާމްދީނާ ފުށުއަރާ ނުވަތަ ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ އަދި ނިޒާމީ ގޮތުން ކަށަވަރުކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމީ ދުވަހުގެ ތާރީޚީ ހާދިސާއަށް ބަލާއިރު ޤައުމުގެ މިނިވަންކަމާއި އިސްލާމްދީނާ އޮތް ވަރުގަދަ ގުޅުން ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ. އަދި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތަކެއް ތަންފީޒުކުރި ކޮންމެ ފަހަރަކު، ދިވެހި ޤައުމުގެ މިނިވަންކަން ގެއްލި ނުވަތަ ނުރައްކަލުގެ ތުންފަތް މައްޗަށް ވެއްޓިގެން ގޮސްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ ކަމަށާއި، ހުރިހާ ޤާނޫނުތަކާއި ގަވާއިދުތަކެއް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައި ކަމަށް ލިޔެވިފައިވީ ނަމަވެސް، އެކަން ޢަމަލީ ގޮތުން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް އޮތްތޯ ރައީސް ސުވާލު އުފެއްދެވިއެވެ. އަދި އެ ސުވާލުގެ އެންމެ ސާދާ ޖަވާބަކީ އެފަދަ ނިޒާމެއް މިހާތަނަށް ޤާއިމުވެފައި ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު މިއަދު ގަސްތުކުރަނީ އެކަން އެގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން. ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށޫއަރާ ނުވަތަ ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އަދި މިފަދަ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ބިލެއް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

"އެހެންވީމާ، އެފަދަ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު