ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަމަށާއި، ޤައުމީ ދުވަހުގެ އަމާޒަކަށް ވާންވީ ދިވެހި މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ޤައުމީ ދުވަހަކީ ކޮންމެ ދިވެއްސަކަށްމެ އެމީހެއްގެ ހިތުގައި އޮތް ޤައުމީ ލޯތްބަށް "އާނއެކޭ" ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ.

ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމަށް ދިޔަ ތާރީޚީ ހާދިސާތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ނުވަވަނަ ޙަސަން ރަސްގެފާނު އިސްލާމްދީނާއި ޤައުމަށް ޣައްދާރުވުމުން، އޭރު ސިޔާސީ ގޮތުން ވާދަވެރިކަން އޮތް ދެ ލީޑަރުން ކަމަށްވާ ޢަލިރަސްގެފާނާއި އަބޫބަކުރު ރަސްގެފާނު ވަނީ އަމިއްލަ ޚިލާފުތައް އެއްފަރާތްކުރައްވައި، ޤައުމީ މަސްލަހަތަށްޓަކައި ޞުލްޙަވެވަޑައިގެންފައި ކަމަށެވެ.

މިއީ މިއަދުގެ ލީޑަރުންނަށްވެސް އޮތް ނަމޫނާއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަދު ބަޔަކު މަގު އޮޅިގެން ދިޔަ ނަމަވެސް، ދިވެހި ކާބަފައިންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަން ޤައުމީ ދުވަހުން ހެކިދޭ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ޤައުމީ ދުވަހުގެ ބޭނުމަކީ އިހުގެ ރީތި އަޚްލާޤީ ސިފަތައް އަލުން އާލާކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ބައިބައިވުމުން ދުރުހެލިވެ، އެއް ރޫޙެއްގައި "ދިވެހީންގެ ރާއްޖެ" އަކީ ދިވެހީންނަށްޓަކައި އޮތް އުފާވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. "ބޭރުގެ ބާރުތަކުގެ ތެރޭގައި ދިވެހީން ގިރިގެން ގޮސްގެން ނުވާނެ. ދިވެހީން ތިބެންވާނީ ދިވެހީންގެ ދީނާއި، ޤައުމީ ސިޔާދަތާއި މިނިވަންކަމުގެ މަތީގައި،" ރައީސް ވިދާޅުވިއެވެ.

އުތީމު ބޮޑުތަކުރުފާނުގެ ޙަޔާތްޕުޅުން ލިބޭ ފިލާވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު ދަސްކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ. ބޮޑުތަކުރުފާނު ނިޔަމިކަމާއި ހަނގުރާމައިގެ އުކުޅުތައް ދަސްކުރެއްވި ފަދައިން، އަދުގެ ޖީލުތަކުންވެސް ޒަމާނީ ޢިލްމު އުނގެނުމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ޤައުމީ ޖިހާދަކީ ވަކި ފަންތިއެއްގެ ނުވަތަ ގިންތިއެއްގެ ބައެއްގެ ކަމެއް ނޫންކަން ހާމަކުރައްވަމުން، ތާރީޚުން އެކި މިސާލުތައް ރައީސް ދެއްކެވިއެވެ. އެގޮތުން ޢަލިރަސްގެފާނުން ފެށިގެން ވިލިނގިލީ ރާވެރިބެއާ ހަމައަށް، އަދި ނޮޅިވަރަންފަރު އެދުރުކަލޭގެފާނާއި، ކަނބާ އައިސާ، ސިއްތި މާވާ އަދި ދުވާފަރު ދަންޑަހެލާ ހަމައަށް އެކި ދަރަޖައިގެ ދިވެހިން ވެފައިވާ މަތިވެރި ޤުރުބާނީތައް ރައީސްގެ ތަޤުރީރުގައި ވަނީ އާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު