އެމްޑީޕީގެ ގައުމީ މަޖިލިސް
އެމްޑީޕީގެ ގައުމީ މަޖިލިސް
އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސްގެ މަގާމު އުވާލުމަށް ނިންމާފައިވާކަން، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ކަށަވަރުކޮށްދެއްވައިފިއެވެ.

"ވިރާސީ" އަށް މިކަން ކަށަވަރުކޮށްދެއްވަމުން އިބްރޭ ވިދާޅުވިގޮތުގައި މި ނިންމުމަކީ ޕާޓީގެ ތެރޭގައި ލީޑަޝިޕްގެ ދައުރުތައް ގިނަވެ، އެތެރޭގެ މަސްލަހަތަށް ބުރޫއަރަމުންދާ ކަމަށް ފާހަގަކުރެވޭތީ، ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ތަރުހީބަކާއެކު ހުށަހެޅިފައިވާ ބަދަލެކެވެ.

މި އިސްލާހު ގެނައުމަށް ތައްޔާރުވަމުންދާއިރު، އެމްޑީޕީގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަބްދުﷲ ޝާހިދު ވަނީ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި އިއްޔެގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި، ޕާޓީގެ ރައީސްގެ މަގާމު އުވާލުމާ މެދު އެންމެ ފަހުގެ ގޮތެއް ނިންމުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ކޮންގްރެސްގައެވެ. ބެލެވޭ ގޮތުގައި މި ހުށަހެޅުން ކޮންގްރެސްއަށް ހުށަހެޅުމާއެކު، ގިނަ މެންބަރުންގެ ތާއީދާއެކު އެ މަގާމު އުވާލުމަށް ފާސްވެގެންދާނެއެވެ.

މި ކޮންގްރެސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފަހުން ބާއްވާ އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު