ޣައްޒާގެ ކުޑަކުދީންތަކެއް ފެން ހޯދުމަށް ކިޔުގައި
ޣައްޒާގެ ކުޑަކުދީންތަކެއް ފެން ހޯދުމަށް ކިޔުގައި
އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން، ޣައްޒާގެ ފެނުގެ ނާމާންކަން އިންތިހާއަށް ގޯސްވަމުންދާކަމަށް އދ. ގެ އިންސާނީ އެހީއާ ބެހޭ އިދާރާ, އިންސާނީ އެހީއާ ބެހޭ ކަންކަން ވިލަރެސްކުރާ އިދާރާ (އޯޗާ) އިން ބުނެފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޯޗާ އިން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ފަލަސްޠީނުގެ ހާލަތާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖުލައި މަހުގެ ކުރީކޮޅާ ހަމައަށް އައިއިރު ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް %90 މީހުންނަށް ވަނީ ސާފު ބޯފެން ލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައެވެ. މިއީ ޖޫން މަހުގެ %84 އާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

ޣައްޒާގެ ގިނަ ރައްޔިތުން އަދިވެސް ތިބީ ރަށްވެހިކަން ގެއްލި، އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގެ ނުރައްކަލުގެ ތެރޭގައި ހާލުގައި ޖެހިފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވި ފަލަސްޠީނު މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ، މައިބަދައަށް ނުވަތަ ސިކުނޑިއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ މީހުންނެވެ. ނަމަވެސް، މިފަދަ މީހުންނަށް ބޭނުންވާ ފަރުވާގެ ސާމާނާއި އެހީތެރިވެދޭ ތަކެތި ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.

ހުޅަނގު އައްސޭރީގެ ހާލަތަށް ބަލާއިރު، ގަލަންދިޔާ ރެފިއުޖީ ކޭމްޕުގައި އިސްރާއީލުން ހިންގި ބޮޑު އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްޠީނުގެ 51 މީހަކު ޒަޚަމްވެ، އެ ސަރަހައްދުގެ ސިއްހީ ޚިދުމަތްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. އަދި އެންމެ ހަފުތާއެއްގެ ތެރޭގައި އިސްރާއީލުގެ ވަޒަންވެރިން ފަލަސްޠީނު މީހުންނަށް ދިން 38 ހަމަލާއެއް އޯޗާ އިން ވަނީ ރެކޯޑުކޮށްފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުން ހެބްރޮން (ޚަލީލް) ސިޓީއާ ގާތްގަނޑަކަށް 14 ކިލޯމީޓަރު ދުރުގައި އޮންނަ މަސާފިރު ޔައްޓާގައި ވަޒަންވެރިން ދިން ހަމަލާތަކުގައި ފަސް މީހަކު ޒަޚަމްކޮށް، ތިން ގެއެއް ސުންނާފަތިކޮށްލުމުގެ ސަބަބުން 14 ކުޑަކުދިން ހިމެނޭހެން 23 މީހުން ވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަލަސްޠީނު މީހުންގެ 25 އިމާރާތެއް ތަޅާލާފައެވެ. މީގެ ސަބަބުން 29 މީހުން މަގުމަތިވެފައިވާއިރު، ތަޅާލި ތަންތަނުގެ ތެރޭގައި މަސާފިރު ޔައްޓާގައި 54 ދަރިވަރުން ކިޔަވަމުންދިޔަ ސްކޫލެއްގެ ބައެއްވެސް ހިމެނޭކަމަށް އޯޗާގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު