ޝައިޚް ޑރ. އަބްދުއްރަހްމާން އަލް ސުދައިސް
ޝައިޚް ޑރ. އަބްދުއްރަހްމާން އަލް ސުދައިސް
އޭއައި ބޭނުންކޮށްގެން އަސްލު އޮޅުވާލައި ވީޑިއޯއާއި އަޑު އުފެއްދުމަކީ ޙަރާމް ކަމެއް: ޝައިޚް އަލް-ސުދައިސް

ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ފެންމަތިވަމުން އަންނަ ނުރައްކާތަކަށް، ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ހިންގާ އޮޅުވާލުންތަކަށް، ދެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޢަބްދުއްރަޙްމާން އަލް-ސުދައިސް ވަރަށް ބޮޑަށް އިންޒާރު ކުރައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ޝައިޚް އަލް-ސުދައިސް ބަޔާންކުރެއްވި ގޮތުގައި، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޮގު ވީޑިއޯ އުފެއްދުމާއި، މީހުންގެ އަޑު ކްލޯންކޮށްގެން މަކަރާއި އޮޅުވާލުން ހިންގުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް، ނުހަނު ބޮޑު ފާފައެކެވެ.

މިފަދަ ވަސީލަތްތަކުގެ އެހީގައި ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، މީސްތަކުންގެ އަބުރަށް އަރައިގަތުމަކީ މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލި، ފިތުނަފަސާދަ އުފެދިގެންދާނެ ކަމެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިފަދަ ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވުމަށް މުޅި އިސްލާމީ އުންމަތަށް ގޮވާލައްވަމުން ޝައިޚް ވިދާޅުވީ، ޓެކްނޮލޮޖީއަކީ މާތް ﷲ އިންސާނުންނަށް މިންވަރުކުރައްވާފައިވާ މަތިވެރި ނިޢުމަތެއް ކަމަށާއި، އެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ޒިންމާއެއް ކަމަށެވެ.

"ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަން އަދި ފުރިހަމަ ޒިންމާދާރުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ޝައިޚް އަލް-ސުދައިސް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، ޓެކްނޮލޮޖީގެ ނޭދެވޭ އަސަރުތަކުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، މިކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް ޒުވާނުންނާއި މުޅި މުޖުތަމަޢުވެސް ޓެކްނޮލޮޖީގެ ފައިދާ ހެޔޮގޮތުގައި ލިބިގަނެ، އިސްލާމީ މަތިވެރި އަޚްލާޤާއި ރިވެތި އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު