ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ބޭރުޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނަގާ ގޮތަށް ޓެކުހާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު އެމްޑީޕީ މެންބަރުންގެ ތާޢީދާއެކު މަޖިލީހަށް ބަލައިގެންފިއެވެ.

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާޙު ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ ތާއީދާ އެކުއެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް ވޯޓުދެއްވީ ކެޔޮދޫ ދާއިރާގެ މެންބަރު، މުހައްމަދު ނިއުޝާދެވެ. ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅިގެން އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީ އަށެވެ.

ބިލަށް އިދިކޮޅު އެމްޑީޕީން ތާއީދުކުރި ނަމަވެސް، އެ ބިލަށް މަޝްވަރާކޮށް އެކަށީގެންވާ ވަގުތު ދޭންޖެހޭކަން އެޕާޓީގެ މެންބަރުން ވަނީ ފާހަގަ ކޮށްފައެވެ.

.ސަރުކާރުން ހުށަހެޅި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކޮށް، ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި އޮންލައިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގޭނެ ގާނޫނީ އުސޫލުތައް ކަނޑައެޅުމެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ދާއިމީ ވިޔަފާރި ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތްތައް ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދޭތާ 3 ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސް ތައްޔާރުކުރުން ލާޒިމު ކުރުން ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ އޮފްޝޯ ވިޔަފާރިތަކުން ރާއްޖޭގައި ޚިދުމަތް ދިނުމުގައި އަގު ނަގާނެ ގޮތުގެ ތަފުސީލުތައް ހިމެނުމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.

މި ބިލާއެކު ހުށަހަޅާފައިވާ ކޯސްޓް އެސްޓިމޭޓަށް ބަލާއިރު، މި ނިޒާމު ގާއިމުކުރުމަށް ދައުލަތުން އެއްފަހަރާ ކުރަންޖެހޭ ޚަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި މުވައްޒަފުންގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ބެލެވެއެވެ.

އޮފްޝޯ ޕްލެޓްފޯމުތައް މީރާގައި ރަޖިސްޓްރީކޮށް ޓެކްސް ދައްކަން ފަށާނީ، އެ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ. މިހާރުގެ ޓީޖީއެސްޓީ ރޭޓު ކަމުގައިވާ 17 ޕަސެންޓުގައި މި ބާވަތުގެ މުދަލުން ޓެކްސް ނަގަން ފެށުމުން، ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު