"ފްރެންޑް-4" ދޯނި ފެތިގެން ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ބޭނުންކޮށްގެން އިއްޔެ ހިންގި ހޯދުމުގެ އޮޕަރޭޝަނުންވެސް އެ މީހުންގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ތ. މަޑިފުށިން ފުރައިގެން ހުވަދޫ އަތޮޅަށް ދަތުރުކުރި މި ސަޕްލައި ދޯނި، މޫސުން ގޯސްވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ 22:37 ހާއިރުއެވެ. މިހާދިސާގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކުރެވުނު ނަމަވެސް، 3 މީހަކު ވަނީ ގެއްލިފައެވެ.

ގެއްލިގެން ހޯދަމުންދާ މީހުން:

ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު)

އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަރު)

ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، މުހައްމަދު ހަމްދޫން (35 އަހަރު)

ރާއްޖޭގެ އިދާރާތަކަށް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދިނުމުގައި ދިމާވި ގޮންޖެހުންތަކާ ގުޅިގެން، ދިވެހި ސަރުކާރުން ވަނީ ބޭރުގެ އެހީތެރިކަމަށް އެދިފައެވެ. މި އެދުމަށް އިޖާބަދީ އެމެރިކާއިން ވަނީ އެ ގައުމުގެ އަސްކަރީ 'ޕީ-8' މަރުކާގެ މަތިންދާބޯޓެއް އިއްޔެ މެންދުރުފަހު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. ނަމަވެސް، އެ ބޯޓަށްވެސް ގެއްލުނު މީހުންނާ ގުޅޭ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. އެގޮތުން އެމްއެންޑީއެފާއި ފުލުހުން އަދި އެހެނިހެން އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން އިއްޔެ މެންދުރުފަހު ވަނީ ސާޗް އޮޕަރޭޝަނެއް ހިންގާފައެވެ. ނަމަވެސް، އެ އޮޕަރޭޝަނުގައި ވެސް ގެއްލުނު މީހުންނާ ގުޅޭ އެއްވެސް ނިޝާނެއް އަދި ހެއްކެއް ފެނިފައިނުވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާ ސަރުކާރުން ދިން އަވަސް އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށާއި، ދެރަވެ ހިތާމަކުރަމުންދާ އާއިލާތަކަށް ތަސައްލީއެއް ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް