ބިޔަ ރާޅުތަކެއް
ބިޔަ ރާޅުތަކެއް
ސްރީލަންކާގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ރާޅުތައް ނަގާފާނެ ކަމަށް ލަފާކޮށް، އެ ޤައުމުގެ ކާރިސާތަކާ ބެހޭ ޤައުމީ މަރުކަޒުން 'އެމްބަރ' ސަމާލު ނެރެފިއެވެ.

ލަންކާގެ "ނިއުސްވަޔަރ" ނޫހުގައި ޝާއިއުކޮށްފައިވާ މޫސުމީ ރިޕޯޓްތަކާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި، މި ސަމާލު ނެރެފައިވަނީ ޕުއްތަލަމުން ފެށިގެން ގޯލް، މާތަރާ އަދި ހަމްބަންތޮޓާ މަގުން ޕޮއްޓުވިލްއާ ހަމައަށް އޮތް ކަނޑުގެ ސަރަހައްދުތަކަށެވެ.

ސްރީލަންކާގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ސަރަހައްދުތަކުގެ ކަނޑުތަކުގައި 2.5 މީޓަރާއި 3.0 މީޓަރާ ދެމެދުގެ އުސްމިނުގައި ރާޅު އުފެދުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް، މިއީ އެއްގަމަށް ބޮޑެތި ރާޅުއަރާނެ ކަމުގެ އިންޒާރެއް ނޫން ކަމަށާއި، މި މިންވަރުތަކަކީ ހަމައެކަނި ކަނޑުގެ ސަރަހައްދުތަކަށް ލަފާކޮށްފައިވާ އުސްމިންތަކެއް ކަމަށް އެ އިދާރާއިން ސާފުކޮށްދެއެވެ.

މީގެ އިތުރުން، ބޭރުވަލާއިން ފެށިގެން ގޯލް މަގުން މާތަރާއާ ހަމައަށް އޮތް އައްސޭރިފަށުގެ ސަރަހައްދުތަކަށް އުދައެރުމުގެ ފުރުޞަތު ބޮޑުކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން، މި ސަރަހައްދުތަކުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރާއި މަސްވެރިން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދީ، ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް