ޕްރޮފެސަރު ޖޭ.ޖީ. ސިރީ ރަންޖިތު އަދި ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ
ޕްރޮފެސަރު ޖޭ.ޖީ. ސިރީ ރަންޖިތު އަދި ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ
ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް ހަރުދަނާކަމާއެކު ކުރިއަށްގެންގޮސް، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރެވިއްޖެ ނަމަ، 2028 ވަނަ އަހަރުން ފެށިގެން ދައްކަންޖެހޭ ބޭރުގެ ދަރަނިތައް އަދާކުރުމުގެ ޤާބިލުކަން ސްރީލަންކާއަށް ލިބިގެންވާކަމަށް ޕެރަދެނިޔާ ޔުނިވަރސިޓީގެ ޕްރޮފެސަރ ޖޭ.ޖީ. ސިރީ ރަންޖިތު ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރ ރަންޖިތު މިހެން ވިދާޅުވީ، ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް 15 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުނުކުރެވިއްޖެ ނަމަ، 2028 ގެ ނިޔަލަށް އެ ޤައުމަށް އަނެއްކާވެސް އިޤްތިޞާދީ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެކަމަށް ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ދެއްވި އިންޒާރާ ގުޅިގެން، "ޑެއިލީ މިރަރ" ނޫހަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އާއެކު ވެވިފައިވާ އެއްބަސްވުންތަކުގެ ދަށުން 2028 ވަނަ އަހަރުން ފެށިގެން ދަރަނި އަދާކުރުމުގެ ބުރަ ބޮޑުވާނެކަން ފާހަގަކުރައްވަމުން ޕްރޮފެސަރ ވިދާޅުވީ، މިހާރުގެ އިޤްތިޞާދީ މިސްރާބު ހުރީ ރަނގަޅު ދިމާއަކަށް ކަމަށާއި، އެހެންކަމުން މާ ބޮޑަށް ކަންބޮޑުވާންޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ. އަދި ޤުދުރަތީ ކާރިސާތަކާއި ބައިނަލްއަޤްވާމީ ހަނގުރާމަތަކުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ޤައުމުގެ އިޤްތިޞާދު ދަނީ މަޑުމަޑުން ކުރިއަރަމުންނެވެ.

އައިއެމްއެފްގެ ޕްރޮގްރާމުގެ ދަށުން ކަނޑައަޅާފައިވާ ލަނދުދަނޑިތައް ޙާޞިލުކުރުމަށް ސްރީލަންކާއިން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، ޕްރޮފެސަރ ވިދާޅުވީ ޤައުމުގެ މާލީ ޙާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށެވެ. އެހެންނަމަވެސް، ދަރަނި ދެއްކުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެއްކަމުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށާއި ރިޒާވް ވަރުގަދަކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި ޢުމްރާނީ ތަރައްޤީ ފުޅާކުރުމާއި، އަމިއްލަ ވިޔަފާރިތަކުން މުދާ އެކްސްޕޯޓްކުރުމަށް ހިތްވަރުދިނުމަކީ ނުހަނު މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން، ތެލާއި ކަރަންޓުގެ އަގުތައް ބާޒާރުގެ ޙަޤީޤީ އަގުތަކާ އެއްގޮތަށް ބަދަލުކުރުމަށް ސަރުކާރުން އިތުރަށް މަސައްކަތްކުރަންޖެހޭކަމަށްވެސް ޕްރޮފެސަރ ރަންޖިތު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު