ސްރީލަންކާގެ ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ-
ސްރީލަންކާގެ ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ-
ސްރީލަންކާގެ ނިގަމްބޯ ހައިކޯޓުން މަރުގެ އަދަބު ކަނޑައަޅާފައިވާ ދިވެހި ރައްޔިތެއް ކަމަށްވާ ޔުގީތު އިބްރާހީމްގެ މައްޗަށް ކުރި ހުކުމް އެ ގައުމުގެ އިސްތިއުނާފު ކޯޓުން ބާތިލުކޮށް، އޭނާ ވަގުތުން މިނިވަންކުރުމަށް އަމުރުކޮށްފިއެވެ. މި އަމުރާ ގުޅިގެން، ލަންކާގެ ޖަލުގައި 8 އަހަރު ހޭދަކުރުމަށްފަހު އޭނާ މިހާރު ވަނީ މިނިވަންވެފައެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު، ލަންކާގެ ބަންޑާރަނަޔަކެ އިންޓަނޭޝަނަލް އެއާޕޯޓުން ޔުގީތު ހައްޔަރުކުރި މައްސަލައެކެވެ. އެއާޕޯޓުގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން އޭނާ ހައްޔަރުކުރީ، އޭނާގެ ފޮށީގެ ތެރޭގައި ކާބަން ކަރުދާހުން ބަންދުކޮށްފައިވާ 12 ޕެކެޓެއްގައި 1.296 ކިލޯގްރާމްގެ ހެރޮއިން ހުރި ކަމަށް ތުހުމަތުކޮށެވެ. މައްސަލައިގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ދައުވާއިން އޭނާ ބަރީއަވި ނަމަވެސް، އެ ތަކެތި ގެންގުޅުނުކަން ސާބިތުވާ ކަމަށް ނިންމައި ނިގަމްބޯ ހައިކޯޓުން އޭރު ހުކުމްކުރީ އޭނާ މެރުމަށެވެ.

ނަމަވެސް، މި މައްސަލަ އިސްތިއުނާފު ކޯޓުގެ ފަނޑިޔާރު އަމާލް ރަނަރާޖާ އަދި ފަނޑިޔާރު ޑރ. ސުމުދު ޕްރޭމަޗަންދްރާގެ ބެންޗުން ބެއްލެވުމަށްފަހު ނިންމެވީ، ދަށު ކޯޓުގެ ނިންމުމުގައި ގާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރި ކަމަށެވެ.

އެގޮތުން، ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށް ބޭނުންކުރި ވަޓްސްއެޕް މެސެޖުތައް ޝަރީއަތަށް ހުށަހަޅާފައި ނުވުމާއި، ފުލުހުން އަތުލައިގަތް ތަކެއްޗާއި ސަރުކާރުގެ އެނަލިސްޓަށް ލިބުނު ތަކެތީގެ ބަރުދަނާ ދެމެދު 17.44 ގްރާމްގެ ތަފާތެއް ހުރިކަން ކޯޓުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހެކީގެ ރައްކާތެރިކަން (ޗެއިން އޮފް ކަސްޓަޑީ) ގެއްލިފައިވުމާއި، ހެކިންގެ ބަޔާންތަކުގައި ފުށުއެރުންތައް ހުރުމާއި، ފުލުހުންގެ ލިޔުންތަކުގައި ނެތް މާއްދާއެއް އެނަލިސްޓަށް ފޮނުވި ތަކެތިން ފެނިފައިވުމުގެ އިތުރުން، ހައްޔަރުކުރި ވަގުތު ތަކެތި ސީލްކޮށް ބަރުދަން ނުކިރުން ފަދަ އިހުމާލުތައް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ކުށުގެ ނިޔަތް ސާބިތުކޮށްދިނުމުގައި ދައުލަތް ނުކުޅެދިފައިވާތީއާއި، ވޭތުވެދިޔަ 8 އަހަރު އޭނާ ބަންދުގައި ހޭދަކޮށްފައިވާ ހާލަތުގައި އަލުން ޝަރީއަތެއް ހިންގުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީ، އިސްތިއުނާފު ކޯޓުން ވަނީ ދަށު ކޯޓުގެ މަރުގެ ހުކުމް ބާތިލުކޮށް، އޭނާ ވަގުތުން މިނިވަންކުރުމަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު