ޑޮކްްޓަރ މުޙައްމަދު ޝަހީމު ޢަލީ ސަޢީދު
ޑޮކްްޓަރ މުޙައްމަދު ޝަހީމު ޢަލީ ސަޢީދު
މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ރޯގާބަލިމަޑުކަމާއި ގުޅުވައިގެން ދީނީ ގޮތުން ޚިލާފު އުފެދޭ ފަދަ ބައެއް ވާހަކަތައް ދެކެވެމުން އެބަދެއެވެ. އަދި އެފަދަ ބައެއް ހައްސާސް ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ފަތުރަމުން ގެންދެއެވެ. އެގޮތުން މިހާރު ފެތުރެމުންދާ ރޯގާބަލިމަޑުކަމަކީ ދުނިޔެ ޤިޔާމަތް ވުމުގެ އާލާމާތެއް ކަމަށް ވެސް ބައެއް މީހުން ސިފަކޮށްފައި އެބަހުއްޓެވެ. އަދި އިސްލާމް ދީނުގެ އެއްވެސް ޢިލްމެއް މައުލޫމާތެއް ނެތް މީހުން ލިޔެފައިވާ ޚިޔާލީ ވާހަކަތަކާއި އެމީހުންނަށް ދުނިޔަވީ ކަންކަމުން ކުރެވިފައިވާ ތަޖުރިބާ ތަކުގެ މައްޗަށް ބިނާކޮށް ޣައިރު މުސްލިމުން ލިޔެފައިވާ ފޮތްތަކުގައި ހުރި ބައެއް މައުލޫމާތުތައް ދިވެހީންވެސް ސޯޝަލް މީޑިއާގައި ދައުރުކޮށް އެތަކެއްޗަށް ވަރަށް ބޮޑަށް ސަމާލުކަން ހޯދަން މަސައްކަތް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. އެފަދަ މީހުން މިފަދަ ކަންކަން ކުރަނީ އެމީހުންގެ އަމިއްލަ މަޝްހޫރުކަން އިތުރުކޮށް ލައިކް އިތުރުކުރުމާއި ޝެއަރ ގިނަ ކުރުމުގެ ނިޔަތުގައި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ދީނީ ގޮތުން ޚިޔާލު ތަފާތުވާ މިފަދަ ކަންކަމަށް އަރައިގަތުމުގެ ކުރިން ތިމާއަށް މިކުރެވެނީ ކިހާވަރެއްގެ ކޮންކަހަލަ ކަމެއްކަމާމެދުވެސް ވިސްނާލަން ޖެހެއެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތިރެމުން މިދާ ނުރައްކާތެރި ރޯގާބަލިމަޑުކަމަކީ މިފަހުގެ ތާރިޚެއްގައި ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވަމުންދާ ބަލިމަޑުކަމާއިމެދު އެއްވެސް މީހަކު ދެބަހެއް ނުވެއެވެ. އަދި މިބައްޔަކީ މިހާތަނަށް އެއްވެސް ބޭސްފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ. ކަންމިހެން އޮތް އިރު ފަހަރެއްގައި ދުނިޔެ ނިމޭނެ ކަމަށް ވާރިދުވެފައިވާ އެކި އެކި ވާހަކަތަކާއި އަލާމާތް ތަކުގެ ތެރޭގައި މިހާރު މިހިނގާ ކަންކަމާއި ދިމާވަ ނުވަތަ އެއްގޮތް ކަންތައްތަކެއް ހުރެވެސް ދާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެއީ ދުނިޔެ ނިމުމާއި ނުވަތަ ޤިޔާމަތް ވުމާއި މިރޯގާއާއި ގުޅުވަންވީ އެއްވެސް ސަބަބެއް އޮތް ކަމެއް ނޫނެވެ.

އެކި ފަރާތްތަކުން ހިންގާ މިފަދަ ޢަމަލު ތަކުގެ ސަބަބުން، ޝައްކު އުފެދިފައިވާ ފަރާތްތަކާއި ސުވާލު އުފެދިފައިވާ ފަރާތްތަކުގެ ހިއްތަކަށް ތަސައްލީއެއް ހޯދައިދީ ޖަވާބެއް ހޯދައިދިނުމަށް "ރަސް އޮންލައިން" ނޫހުން މި ސުވާލު ރާއްޖޭގެ މްޝްހޫރު ދީނީ ޢިލްމުވެރިޔާ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ހުށައެޅުމުން ޝަހީމް މި ނޫހާއި ހިއްސާ ކުރެއްވި ޖަވާބު ތިރީގައި ހިއްސާކޮށްލާނަމަވެ.

ދުނިޔެ ޤިޔާމަތްވާނެ ވަގުތާއި ދުނިޔޭގެ ނިމުން އަންނާނެ ގޮތް އެއް ވެސް އިންސާނަކަށް ނޭނގޭނެއެވެ. އެކަންކަމަކީ ޣައިބުގައިވާ ކަންކަމެވެ. މާތް ﷲ މެނުވީ، އެކަންކަމުން އެއްވެސް ވަރެއްގެ މަޢުލޫމާތެއް ނަބިއްޔުންނާއި ރަސޫލުންނަށް މެނުވީ ލިބިފައެއް ނުވެއެވެ. އެބޭކަލުންނަށް ވެސް ﷲ އަންގަވާ ދެއްވާފައިވަނީ ދުނިޔެ ނިމުމުގެ ޢަލާމަތްތަކުން މަދު ކަންކަމެވެ. ދުނިޔެ ނިމޭނެ ވަގުތެއް އަންގަވާފައެއްނުވެއެވެ. އެއީ އެބޭކަލުންގެ އުންމަތްތަކުގެ މީހުން އެއާމެދު ވިސްނައި ފިކުރު ކޮށް އާޚިރަތަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މާތް ﷲ ކީރިތި ޤުރުއާނުުގެ ލުޤުމާން ސޫރަތުގެ 34 ވަނަ އާޔަތުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ." ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންނަވަތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ." މިއާޔަތުގައި ބަޔާންވެގެންވާ ހަ ކަންތަކީ ﷲ މެނުވީ އެއްވެސް ފަރާތަކަށް ނޭނގޭނެ ކަންކަމެވެ.

އަދި އަލްއަޢުރާފު ސޫރަތުގެ 187 ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "قيامة ގެ ވަގުތާމެދު، އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަމުގެ ވަގުތަށް އެކަން ފާޅުނުކުރައްވާ ހުށްޓެވެ. އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެއުރެން سؤال ކުރާއިރު، އެކަމުގެ ހުރިހާ خبر އެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި اللَّه ގެ حضرة ގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ."

އަދި ހަމަ އެ ސޫރަތުގެ 188 ވަނަ އާޔަތުގެ މާނައިގައިވެއެވެ. " ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް ملك ވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް غيب އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إيمان ވާ ބަޔަކަށް އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ."

އިސްވެ ދިޔަ އާޔަތްތަކުން ދޭހަވަނީ ދުނިޔެ ނިމޭނެ ވަގުތާއި ޣައިބުގައިވާ ކަންކަމަކީ އެއްވެސް އިންސާނަކަށް އެނގޭނޭ ކަންކަމެއް ނޫންކަމުގައެވެ. ކީރިތި ރަސޫލާގެ ބަސްފުޅު ތަކަށް ނަޒަރު ހިންގާލާއިރު މާތް ﷲގެ ޙަޟުރަތުން އެކަލޭގެފާނަށް ދުނިޔެ ނިމިގެންދާއިރު ދުނިޔޭގެ ފަހުކޮޅުގައި ހިނގާނެ ބައެއް ކަންކަން ބަޔާންކޮށްދެއްވާފައިވެއެވެ. އެކަންކަމުގެ މަޢުލުމާތު އިސްލާމީ ޢަޤީދާއާ ގުޅޭ ފޮތްތަކުގައި ބަޔާންވެފައި އެބަ ހުއްޓެވެ. އެކަންކަން ހިނގާނެ ވަގުތާއި ހިގާނެ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަނި ﷲ އެވެ. ޤިޔާމަތްވުން ކައިރިވެއްޖެ ކަމުގެ އެންމެ ވަރުގަދަ ދަލީލަކީ މުޙައްމަދުގެ ފާނު ނަބީކަމާއިގެން ފޮނުއްވެވުމެވެ. އެހެނީ އެކަލޭގެފާނާއި ޤިޔާމަތްވުމާ ދެމެދު ދެން އިތުރު ނަބީބޭކަލެއް އަދި ރަސޫލު ބޭކަލެއްވެސް މާތް ﷲ ނުފޮނުއްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން