ކޮޅުފުށީ ރިންގ ރޯޑް ހެދުމުގެ މަސައްކަތް ހަވާލު ކުރުން - ފޮޓޯ: ހައުސިންގ މިނިސްޓްރީ
ކޮޅުފުށީ ރިންގ ރޯޑް ހެދުމުގެ މަސައްކަތް ހަވާލު ކުރުން - ފޮޓޯ: ހައުސިންގ މިނިސްޓްރީ
މ. ކޮޅުފުށީގެ ބޭރުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.

ޖުމްލަ 720 ދުވަހުގެ ތެރޭގައި ނިންމުމަށް އާރު.ޑީ.ސީއާ ޙަވާލުކުރި މި މަޝްރޫޢުގެ ދަށުން، ކޮޅުފުށީގެ 3 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތައް އަލިކުރުމަށް މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ރައްޔިތުންނަށް ފަސޭހަ އަދި ރައްކާތެރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމާއެކު، ކޮޅުފުށީގެ މަގުތަކުގެ ޙާލަތު ރަނގަޅުވެ، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޢާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު