އޭގަން ކަނޑަށް އައި ބާރުގަދަ ބިން ހެލުމެއްގައި ތުރުކީއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ޚަބަރުތައް ބުނާގޮތުން މިއަދު ރާއްޖެ ގަޑިން ހަވީރު 4:50 ހާއިރު ރެކްޓަރ މިންގަނޑުން 7.0ގެ ބާރު މިނުގައި އައި މި ބިން ހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، ބައެއް މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އެގޮތުން މިހާތަނަށް 6 މީހަކު މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި މި ބިން ހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ތުރުކީގެ އައްސޭރިފަށުގައި އޮންނަ އިޒްމީރް ސިޓީއަށްކަމަށާއި، ކަނޑަށް އައި ބިން ހެލުމުގެ ސަބަބުން އެސިޓީއަށް ސުނާމީއެއް އަރާފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.' އަދި ސުނާމީ އެރުމުގެ ސަބަބުން ފަޅުތެރޭގައި ހުރި އުޅަނދުތައް އެއްގަމަށް އަރާފައިވާ މަންޒަރުތައް ފެންނަ ވިޑިއޯތައް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ.

އިޒްމީރް ސިޓީގެ މޭޔަރ ވިދާޅުވީ އެސިޓީގެ ވިއްސަކަށް އިމާރާތް ވެއްޓިފައިވާކަމަށާއި، އިމާރާތްތަކުގެ ދަށުވި 70 ވަރަކަށް މީހުން ސަލާމަތްކޮށްފައިވާކަމަށެވެ.

ޚަބަރުތައް ބުނާގޮތުން އޭގަން ކަނޑައަށް އައި ވިއްސަކަށް ސިކުންތުގެ ބިންހެލުމުގެ އަސަރު ތުރުކީ ކައިރީގައި އޮންނަ ގްރީސްގެ ވެރިރަށް އެތެންސްއަށާއި ގްރީސްގެ ޖަޒީރާ ރަށެއްކަމަށްވާ ސަމޯސްއަށްވެސް ވަނީ ކޮށްފައެވެ. ސަމޯސްއަށްވެސް ބިން ހެލުމުގެ އަސަރުގެ އިތުރުން، ކުޑަ ސުނާމީއެއް އަރާފައިވާކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.

ތުރުކީއާއި ގްރީސްއަށް އައި މި ބިން ހެލުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާއިރު، ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ބިން ހެލުމާ ގުޅިގެން ފޯނުން ގުޅުއްވައި މަޝްވަރާ ކުރަށްވާފައެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިވާން ތައްޔާރަށް އޮތްކަން ދެ ބޭފުޅުންވެސް ހާމަކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން