މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގަ ގެއަކަށް ފެންވަދެފަ. ފޮޓޯ: އެންޑީއެމްއޭ
މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގަ ގެއަކަށް ފެންވަދެފަ. ފޮޓޯ: އެންޑީއެމްއޭ
މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން މިއަދު ހާމަކުރި ގޮތުގައި އިއްޔެއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި، މިއަދުގެ ހެނދުނާ ހަމައަށް ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެފައިވާއިރު، އޭގެ ތެރެއިން އެއް ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެ، ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅުމުގެ ސަބަބުން އެ ގޭގައި ދިރިއުޅޭ 8 މީހަކު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައެވެ. މީގެ އިތުރުން ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ވެސް ވަނީ އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް ވެސް މެދުނުކެނޑި ވިއްސާރަކުރަމުންދާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދެއެވެ. ޚާއްޞަކޮށް ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

ވިއްސާރައިގެ އަސަރުކޮށްފައިވާ ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަދި ޢާންމުންގެ ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.



ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް