އަހުމަދު މަސްނޫމް   14 ސެޕްޓެމްބަރު 2026 - 13:38
ޑޮލަރުގެ ރޭޓު ކުރީގައި ހުރި ވަރަށް މިހާރު ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮންމިކް މުޙައްމަދު ސަޢީދު ވިދާޅުވީ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ނަމަވެސް، މާކެޓުގެ ހާލަތު އޮތީ އަދި އެންމެ ފުރިހަމަ މިންގަނޑެއް ނޫން ކަމަށެވެ. ނަމަވެސް، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

ސަަޢީދު ވިދާޅުވިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި އިރު (17 ނޮވެމްބަރު 2023) ބާޒާރުގައި ޑޮލަރުގެ އަގު ހުރީ އިންތިހާއަށް އުފުލިފައެވެ. އެހެންނަމަވެސް، މިހާރު ލިބެމުންދާ މައުލޫމާތުތަކަށް ބަލާއިރު އެ ދުވަސްވަރާ އަޅާބަލާއިރު އަގުތައް ދަށްކުރެވިފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިއީ އިގްތިޞާދީ ގޮތުން ލިބުނު މުހިންމު ކުރިއެރުމެއްކަމަށް ވިދާޅުވެ، ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކާއި ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށާއި އިތުރަށް ތިރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އާ އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މި އިސްލާހުގެ ދަށުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓޫރިޒަމް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ފައިސާ މާރުކުރަންޖެހޭ ލިމިޓް 15 މިލިއަނުން 25 މިލިއަން ޑޮލަރަށް ބަދަލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުގެ ތެރެއިން ކެޓަގަރީ 'އޭ' ގެ ތަންތަނުން މަހު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު ވަނީ އުނިކޮށްފައެވެ. އަދި ގެސްޓްހައުސް ހިމެނޭ ކެޓަގަރީ 'ބީ' ގެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމުގެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން އެމްއެމްއޭގެ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމާއި، ޑިޖިޓަލީ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ގޮތަކަށްވެސް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި މިހާރު ވަނީ ހަދާފައެވެ.



ކިޔުންތެރިންގެ ހިޔާލު