ރާއްޖޭގައި އަލަށް ފެށި ބަންކަރިން ޚިދުމަތުގެ ސަބަބުން މިހާތަނަށް ދައުލަތަށް 80 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖެއަށް ލިބެމުން އައިސްފައިވާ އާމްދަނީއެއް ނޫން ކަމަށާއި، މި ޚިދުމަތް ފަށާފައިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކުގައި ކަމަށެވެ.

"މިހާތަނަށް 80 މިލިއަން ޑޮލަރު ބަންކަރިން ވިޔަފާރިން ލިބިފައިވާކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ދައްކަނީ. މިއީ މީގެ ކުރިން ދިވެހިރާއްޖެއަށް ވަތް ރެވެނިއުއެއް ނޫން،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އަދި މި މަޝްރޫއު ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެ، އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ އިތުރުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގައި ބަންކަރިން ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި މަޝްރޫއު ފަށާފައިވަނީ އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތަށް ހޯދުމުގެ އަމާޒާ އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު