މިދިޔަ އިންތިހާބަށްވުރެ ފަސޭހައިން 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކާމިޔާބުކޮށްދިނުމަށް އެޕާޓީގެ މެމްބަރުން މަސައްކަތްކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީގެ ފުރަތަމަ މަތީ މަޖިލިސް ބޭއްވިއިރު ތިބީ އެންމެ 3،000 މެންބަރުން ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 80،000 އާ ގާތަށް އިތުރުވެފައިވާ ކަމަށެވެ.

ޕާޓީގެ މެންބަރުންގެ އަދަދު މިހާ ބޮޑަށް އިތުރުވީ ޕީއެންސީން އަބަދުވެސް ދިވެހި ގައުމާއި ރައްޔިތުން އިސްކުރާތީ ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ އަމާންކަމާއި ތަރައްގީ ގެނެސްދެވޭނީ ރައީސް މުއިއްޒުގެ ޤިޔާދަތުގެ ދަށުން ޕީއެންސީން އިތުރު ދައުރަކަށް ވެރިކަމަށް އައިސްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމަށްޓަކައި މަދުވެގެން 10 އަހަރު އެއް ވެރިއަކު ވެރިކަމުގައި ހުންނަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން، މި މަތީ މަޖިލިސް ނިމިގެންދާއިރު ހުރިހާ މެންބަރުންވެސް ނުކުންނަންވާނީ 2028 ގެ އިންތިހާބު ކާމިޔާބުކުރުމުގެ ވަރުގަދަ އަޒުމަކާއެކު ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބުދުއްރަޙީމް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގު ނިކަން ފަލަކޮށް ދަންމަވާލައްވާ އެ ރޮނގު ހުރަސްކުރުމުގެ އިޚްތިޔާރެއް ނުވަތަ ފުރުސަތެއް އެއްވެސް އެހެން ބަޔަަކަށް ރައީސް މުއިއްޒު ނުދެއްވާ ކަމަށާއި އަމިއްލަ ބާރުގައި ދިވެހިވަންތަ ގައުމެއް، ދިވެހީންގެ ދިވެހިރާއްޖެއެއް ބިނާކުރެއްވުމަށްޓަކައި ރައީސް މުއިއްޒު ކުރައްްވަމުން ގެންދަވާ މަސައްކަތަށް އިތުރު ފުރުސަތު އެމަނިކުފާނަށް ދޭންޖެހޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ މަތީމަޖިލިސް ނިންމާލަންވާނީ 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ކަމަރު ބަނދެގެން ކަމަށެވެ.

"އެ ކަމަރަށް ދުލެއް ޖައްސާލަންވާނީވެސް ހަމަ ދާގޮތަށްގޮސް އިރާދަކުރެއްވިއްޔާ ﷲ ގެ ތަނަވަސް ރަހުމަތްފުޅާ ދިވެހިރައްޔިތުންގެ ހިތްވަރުގަދަ މަސައްކަތާއި ޕާޓީގެ ހުރިހާ މެންބަރުންގެ އެކުވެރިކަމާ އެއްބައިވަންތަކަމާ ނުގުޑާފަދަ އަޒުމާއެކީގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކާމިޔާބުކޮށްދެއްވާފަ." އަބުދުއްރަޙީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް