ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކޮންގްރެސްގެރޭގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ކުރީގެ ރައީސަކު މިފަދަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ މި ކޮންގްރެސް ކުރިއަށްދަނީ މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ކޮންގްރެސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއަދު ފެށުނު މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކައުންސިލުތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުން ވަނީ މާލެ ވަޑައިގެންފައެވެ.

މިރޭ ކުރިއަށްދިޔަ ކޮންގްރެސްގެ ރަސްމީ ޖަލްސާއަށް ސިޔާސީ އެހެން ޕާޓީތަކުގެ ލީޑަރުންނަށް ވެސް ދައުވަތު އަރުވާފައިވެއެވެ. އެގޮތުން އެމްޑީޕީގެ އިތުރުން އެމްއެންޕީ އަދި އަދާލަތު ޕާޓީގެ އިސް ވެރިން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު ވަނީ ރައީސް ނަޝީދަށް މަރުހަބާ ދަންނަވައި ސަލާމް ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރު ދައްކާގޮތުން ރާއްޖޭގައި މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އެގޮތުން އެ ޕާޓީގައި 67،579 މެންބަރުން ތިބިއިރު، ޕާޓީން ބުނާގޮތުގައި މިހާރު މެންބަރުންގެ އަދަދު ވަނީ 70،000 އިން މައްޗަށް އަރާފައެވެ. މި ކޮންގްރެސްގައި ޕީއެންސީގެ މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޕާޓީގެ ނައިބު ރައީސުން އިންތިޚާބުކުރުން ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް