އެމްއެމްއޭ-
އެމްއެމްއޭ-
ކުރީގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ޓްރެޝަރީ ބޮންޑުގެ ގޮތުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި، މި ސަރުކާރުން މުޅިން ދައްކައި ޚަލާސްކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ނަގާފައިވާ މި ދަރަނީގެ އެންމެ ފަހު ޕޭމަންޓް މިހާރު ވަނީ ދައްކައި ނިންމާފައެވެ. އެސްބީއައި މެދުވެރިކޮށް މި ފައިސާ ނަގާފައިވަނީ ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން، 2019 ވަނަ އަހަރުގެ މާރިޗު 17، ޖޫން 26 އަދި އޮކްޓޫބަރު 1 ވަނަ ދުވަހުއެވެ. މި ލޯނަކީ އަނބުރާ ދެއްކުމަށް ކަނޑައެޅުނު މުއްދަތު، 2020 އިން ފެށިގެން 2023 ގެ ނިޔަލަށް ކުރީ ސަރުކާރުން ތަކުރާރުކޮށް މުއްދަތު އިތުރުކޮށް ފަސްކުރަމުން އައި ދަރަންޏެކެވެ.

މި ދަރަނި ދައްކައި ޚަލާސްކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތުގެ ތަފްސީލު ހާމަކުރައްވަމުން އެމްއެމްއޭއިން ވިދާޅުވީ، ދަރަނީގެ ފުރަތަމަ 50 މިލިއަން ޑޮލަރު 7 ޖަނަވަރީ 2024 ގައި ވަނީ ދައްކާފައެވެ. އަދި ބާކީ އޮތް 100 މިލިއަން ޑޮލަރު ދެއްކުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށްފަހު، ދެވަނަ 50 މިލިއަން ޑޮލަރު މެއި މަހުގެ ތެރޭގައި ވަނީ ދައްކައި ޚަލާސްކޮށްފައެވެ.

މަރުކަޒީ ބޭންކުން ކަށަވަރުކޮށްދެއްވި ގޮތުގައި، މި ދަރަނީގެ އެންމެ ފަހު ބައިގެ ގޮތުގައި ހިމެނޭ 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު 17 ވަނަ ދުވަހު ދައްކައި ނިންމުމާއެކު، 150 މިލިއަން ޑޮލަރުގެ މި ބޮޑު ދަރަނި ދައުލަތުން މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާލާފައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކުރައްވައެވެ.

މީގެ އިތުރުން އެމްއެމްއޭއިން ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ދަރަނިތައް ގަވާއިދުން ދެއްކުމަކީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު އޮތް އިތުބާރު އިތުރުވެގެންދާނެ ކަމެކެވެ. އަދި ދައުލަތުގެ ރިޒާވް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައިވެސް ދަރަނިތައް ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، މާލީ އިސްލާޙީ ފިޔަވަޅުތައް ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން މެދުކެނޑުމެއްނެތި އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން އެމްއެމްއޭއިން ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު