އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ
އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ
ދައުލަތުން ފޯރުކޮށްދޭ އިޖްތިމާއީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ދަފްތަރުން އެކަނިވެރި މައިންނާއި ބަފައިންގެ ތެރެއިން 39 ބެލެނިވެރިންނާއި 80 ކުދިން އުނިކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން ވަނީ އެ އިދާރާގެ އެހީގެ އެކި ޕްރޮގްރާމްތަކުގެ ދަފްތަރުން އެކިއެކި ސަބަބުތަކާ ހުރެ އުނިކުރެވިފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ ތަފްސީލްތައް މިއަދު އާންމުކޮށްފައެވެ.

އެ އިދާރާއިން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، އެކަނިދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީވެފައިވާ 39 ބެލެނިވެރިއަކާއި 80 ކުދިން އެ ލިސްޓުން ވަނީ އުނިކޮށްފައެވެ. މީގެއިތުރުން، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީވެފައިވާ އެއް ބެލެނިވެރިއަކާއި ދެ ކުދިން ވެސް މިހާރު ވަނީ ލިސްޓުން އުނިކޮށްފައެވެ.

ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ 14 އަންހެނުންނާއި 26 ފިރިހެނުން ވެސް އެކިއެކި ސަބަބުތަކަށްޓަކައި ދަފްތަރުން އުނިކުރެވިފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. އަދި ތެލަސީމިއާ އެލަވަންސްގެ ގޮތުގައި ދެވޭ މާލީ އެހީ ޕްރޮގްރާމްގެ ދަށުން އެހީ ލިބެމުންދިޔަ ދެ ފިރިހެނުން ވެސް ވަނީ އެ ޕްރޮގްރާމުން އުނިކޮށްފައެވެ.

އެންސްޕާއިން ބުނި، އިޖްތިމާއީ އެހީގެ ޕްރޮގްރާމްތަކުގެ ދަފްތަރުތަކަށް މިފަދަ ބަދަލުތައް ގެންނަނީ އެހީ ދިނުމަށް ކަނޑައެޅިފައިވާ ޝަރުތުތަކަށް އަންނަ ބަދަލުތަކާއި، އެހީ ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތައް ގަވާއިދުން ދެނެގަނެ، ދަފްތަރުތައް މުރާޖަޢާކުރުމަށް ފަހުގައެވެ. މިގޮތުން ޝަރުތު ހަމަނުވާ ފަރާތްތައް ދަފްތަރުން އުނިކުރުމަކީ އެހީ އެންމެ ހައްގުވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު