ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ޑޭ" ނުވަތަ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ އަންހެން މުވައްޒަފުންގެ އަގުވަޒަންކޮށް، ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި، ޕޮލިސް ކޮމިޝަނަރ އަޙްމަދު މުޙައްމަދު ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި ދުވަހަކީ 2021 އޮކްޓޫބަރު 3 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައިގަތް "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ" ގެ ދަށުން ރަސްމީކޮށް ފާހަގަކުރަން ފެށި ދުވަހެކެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި އަންހެނުން ކޮށްދީފައިވާ އަދި ކުރަމުންދާ ޚިދުމަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމާއި، މުއައްސަސާގެ އެތެރޭގައި އަންހެނުންނަށް ހުރި ކުރިއެރުމުގެ ފުރުސަތުތައް އިތުރަށް ފަހިކުރުމުގެ މަގުސަދުގައި ފާހަގަކުރާ ދުވަހެކެވެ.

މި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ވަޒީރު އިޙްސާން ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، އެ ޚިދުމަތުގައި މަސައްކަތްކުރަށްވާ ހީވާގި ހުރިހާ ކަނބަލުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. އިޙްސާން ވިދާޅުވީ، އަންހެން އޮފިސަރުން ދައްކުވައިދޭ ހިތްވަރާއި، ޕްރޮފެޝަނަލިޒަމާއި އިޚްލާޞްތެރިކަމަކީ ޒަމާނީ ޕޮލިސިންގއަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެއްކަމަށާއި، މިއީ މުޖުތަމަޢާއި ފުލުހުންނާ ދެމެދު އޮންނަ އިތުބާރު ބަދަހިކޮށްދޭ ކަމެއްކަމަށެވެ.

"ތިޔަ ކަނބަލުންގެ ކެރުންތެރިކަމާއި، މަސައްކަތުގެ އަޚްލާޤާއި، ސާބިތުކަމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށާއި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރު ބަދަހިކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ޤައުމަށްޓަކައި ތިޔަ ކަނބަލުން ކުރައްވާ މިންނެތް މަސައްކަތަށާއި، ސާބިތުކަމާއެކު މެދުނުކެނޑި ދެއްވަމުންގެންދަވާ ޚިދުމަތަށްޓަކައި ޝުކުރު ދަންނަވަމެވެ." އިޙްސާން ފޮނުއްވި މެސެޖުގައިވެއެވެ.

މި ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްވި ޚާއްސަ މެސެޖުގައި ވިދާޅުވީ، ކެރުމާއި، ޕްރޮފެޝަނަލްކަމާއި، އޯގާތެރިކަމާއެކު ޚިދުމަތްކުރައްވާ އެންމެހައި އަންހެން މުވައްޒަފުންގެ އަގު ވަޒަންކުރައްވާ ކަމަށެވެ.

"މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމާއި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން ފެށިގެން، ތަހުގީގުތައް ލީޑުކުރުމާއި ފްރަންޓްލައިންގެ މަސައްކަތްތަކާ ހަމައަށް، ޒަމާނީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް. ތިޔަބޭފުޅުން މުޖުތަމައަށް ކޮށްދެއްވާ އިހުލާސްތެރި ހިދުމަތަށާއި، ދައްކަވާ ހިތްވަރާއި ސާބިތުކަމަށްޓަކައި ޝުކުރު ދަންނަވަން،" ސީޕީގެ މެސެޖުގައި ވިދާޅުވިއެވެ.

މިއަދުގެ ޝިއާރު ބިނާވެފައިވަނީ، ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާއި، ޚިދުމަތާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރުމާއެކު، ލީޑަރޝިޕާއި ފަންނީގޮތުން ކުރިއަރައި ދިއުމަށާއި ޕޮލިސިންގގެ ހުރިހާ ދާއިރާއެއްގައިވެސް ޚިދުމަތް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މައްޗަށެވެ.

މިއަދު އަންހެން އޮފިސަރުން ދަނީ ފްރަންޓްލައިން ޕޮލިސިންގ އާއި، ޚާއްސަ ތަހުގީގުތަކާއި، ކޮމިއުނިޓީ ޕޮލިސިންގ އާއި، އިންޓެލިޖެންސާއި، ފޮރެންސިކް އަދި ޓެކްނިކަލް މަސައްކަތްތަކުގެ އިތުރުން ކޮމާންޑު އަދި ލީޑަރޝިޕްގެ އިސް މަގާމުތަކުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރަމުންނެވެ. 2004 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރެވުނުއިރު ހިދުމަތުގައި ތިބީ އެންމެ 64 އަންހެން އޮފިސަރުންނެވެ. ނަމަވެސް، ތަމްރީނުތަކުގައި ފުރުސަތު ފަހިކޮށްދިނުމާއި، ވިހެއުމާ ގުޅިގެން ލިބޭ އިނާޔަތްތައް ހަރުދަނާކުރުމާއި، އަމިއްލަ ރަށުގައި މަސައްކަތްކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ފަދަ ސިޔާސަތުތަކުގެ ސަބަބުން މި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މީގެ އިތުރުން، ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ތިންވަނަ ދައުރު (2026-2028) އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ޕޮލިސިންގގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ގައުމީ ސުލްހައާއި އަމަންއަމާންކަން ގާއިމުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރަށްވާފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގައި ހިންގޭ "އެކްޓް އޮފް ކައިންޑްނަސް" ހަރަކާތްތަކާއި، ޓީމް ބިލްޑިންގ ހަރަކާތްތައް ހިމެނެއެވެ. އަދި މާލެ ސަރަހައްދުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ "ވިމެން އިން ޕޮލިސް ފޯރަމް" 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު