ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
މި ސަރުކާރުގެ ވެރިކަމުގައި ދިވެހި ރައްޔިތުން ބަނޑަށް ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ.

ވަޒީރު އިޙްސާން މިއަދު މީސްމީޑިއާގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް އޮތީ ދަރަނި ނެގުން ކަމަށާއި މި ސަރުކާރަށް އޮތީ އެ ދަރަނިތައް ދެއްކުން ކަމަށެވެ. އަދި ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ބުނެ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން 10 ފަހަރަށް ވުރެ ގިނައިން އިޢުލާނު ކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް ބަނޑަށް ޖެހެނީ އެ ފަރާތްތައް ކަމަށާއި އެއީ ސިޔާސީ ގޮތުން ކަމަށް އިޙްސާން ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ނަގާފައިވާ ބޮޑު ދަރަނީގެ އެންމެ ފަހު ޕޭމަންޓް މިހާރު ވަނީ ދައްކައި ނިންމާފައެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް މި ފައިސާ ނަގާފައިވަނީ ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން، 2019 ވަނަ އަހަރުގެ މާރިޗު 17، ޖޫން 26 އަދި އޮކްޓޫބަރު 1 ވަނަ ދުވަހުއެވެ. މި ލޯނަކީ އަނބުރާ ދެއްކުމަށް ކަނޑައެޅުނު މުއްދަތު، 2020 އިން ފެށިގެން 2023 ގެ ނިޔަލަށް ކުރީ ސަރުކާރުން ތަކުރާރުކޮށް މުއްދަތު އިތުރުކޮށް ފަސްކުރަމުން އައި ދަރަންޏެކެވެ.

މި ދަރަނި އަދާކުރުމުގެ ތަފްޞީލު ހާމަކުރަމުން އެމްއެމްއޭއިން ބުނީ، ދަރަނީގެ ފުރަތަމަ 50 މިލިއަން ޑޮލަރު މިއަހަރުގެ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު ވަނީ ދައްކާފައެވެ. އަދި ބާކީ އޮތް 100 މިލިއަން ޑޮލަރު ދެއްކުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށްފަހު، ދެވަނަ 50 މިލިއަން ޑޮލަރު މެއި މަހުގެ ތެރޭގައި ވަނީ ދައްކައި ޚަލާސްކޮށްފައެވެ.

މި ދަރަނީގެ އެންމެ ފަހު ބައިގެ ގޮތުގައި ހިމެނޭ 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު 17 ވަނަ ދުވަހު ދައްކައި ނިންމުމާއެކު، ޖުމްލަ 150 މިލިއަން ޑޮލަރުގެ މި ބޮޑު ދަރަނި ދައުލަތުން މިހާރު ވަނީ އެއްކޮށް ދައްކައި ޚަލާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު