ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވުމަށް އެ ޕާޓީގެ އެތައް ހާސް މެންބަރުންނާއި މުޅި ލީޑަރޝިޕް އޮތީ އެއްބަސްވެ، އިއްތިފާޤުވެފައި ކަމަށެވެ. އަދި ޕާޓީގެ އެންމެން އެކުގައި ރަނގަޅަށް މަސައްކަތް ކޮށްފިނަމަ، މާތްﷲ ގެ ރަޙްމަތްފުޅާއެކު އެމަނިކުފާނު އެ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރެން ކައިރިވަމުންދާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި ސާބިތުކަމާއެކު ހުންނެވިކަން ދިވެހި ހުރިހާ ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށް ފަލާޙް ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒަކީ ހަމައެކަނި ވާހަކަފުޅުން ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުރީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދޭން ލާޒިމުވާ ފަދަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަބަދުވެސް އަޅުގަނޑުމެން އެންމެންނަށް، މުޅި ލީޑަރޝިޕަށް، މުޅި ސަރުކާރަށް އެމަނިކުފާނު ދެއްވާ ނަސޭހަތަކީ މި ގައުމަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއްގެ ތެރޭގައި އަޅުގަނޑުމެން އެއްވެސް މީހަކު ބައިވެރިވެގެން ނުވާނެއޭ. އެއްވެސް ރައްޔިތަކަށް ބޭއިންސާފުން ކަމެއް ހިނގާފާނެ އެއްވެސް ކަމެއް ކުރަން އެމަނިކުފާނު އަރިހަށް އައިސްގެން ނުވާނެއޭ،" ފަލާޙް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ފަލާޙް ވިދާޅުވީ، ރައީސް މުޢިއްޒުގެ މި ވީ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭނެ ފަދަ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެއްވެސް ސިޔާސީ ބޭފުޅަކު ޖަލަށްލާފައި ނުވާ ކަމަށާއި، ދައުލަތުގެ އެއްވެސް ތަނެއްގައި ވައްކަމެއް ހިންގާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްވެސް ކޯޓަކަށް ނުވަތަ ފަނޑިޔާރަކަށް ސަރުކާރުން ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ކަންކަން ކުރުވަން އަމުރުކޮށްފައި ނުވާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ހިނގަމުންދަނީ އިންސާފުވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާޙް ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް ސިޔާސީ އެއްވެސް ބަޔަކު ހީކޮށްގެން ނުވާނެ ކަމަށާއި، ގައުމުގެ ކަންކަން ވެރިން ކުރާ ގޮތް ރައްޔިތުން ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށެވެ. އަދި ދޮގު ވާހަކަތައް ދައްކައިގެން ސިޔާސީ މަންފާ ހާސިލު ނުކުރެވޭނެކަން މާޒީގައި ރައްޔިތުން ވަނީ ސިޔާސީ ވެރިންނަށް ސާފުކޮށް ކިޔައިދީފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް