ބަނޑުހައިހޫނުކަން ތަހަންމަލު ކުރަމުންދާ ތުއްތު ކުއްޖެއް
ބަނޑުހައިހޫނުކަން ތަހަންމަލު ކުރަމުންދާ ތުއްތު ކުއްޖެއް
ޔަމަންގެ ހުޅަނގު ކޯސްޓާއި ތާއިޒްގެ ހަނގުރާމައިގެ ކުރީ ސަފުތަކުގައި ހަމަނުޖެހުންތައް ވަރުގަދަވަމުންދާތީ، އެކަށީގެންވާ ސިއްހީ އެހީތެރިކަމެއް ނުލިބި ވިހަންޖެހުމުގެ ބޮޑު ނުރައްކަލަކާ 2،700 އަށްވުރެ ގިނަ މާބަނޑު އަންހެނުން ކުރިމަތިލަމުންދާ ކަމަށް އދ. ގެ އާބާދީއާ ބެހޭ ފަންޑު (ޔޫއެންއެފްޕީއޭ) އިން ވަނީ އިންޒާރު ދީފައެވެ.

މިއީ ދާދިފަހުން ހަނގުރާމަ ވަރުގަދަވުމުގެ ސަބަބުން ގެދޮރު ދޫކޮށް ދާންޖެހުނު 120،000 އަށްވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އަންހެނުންނެވެ.

ޔޫއެންއެފްޕީއޭއިން ހާމަކުރި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ދަރިމައިވުމުގެ ސިއްހީ ހިދުމަތްތަކާއި ރައްކާތެރިކަމުން މަހްރޫމްވެފައިވާ ދަރިމައިވުމުގެ އުމުރުގެ 30،000 އަށްވުރެ ގިނަ އަންހެނުން އެބައުޅެއެވެ.

މީގެ ތެރެއިން މަދުވެގެން 500 މާބަނޑު އަންހެނުންނަށް ވިހެއުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާތަކަށް ކުއްލި ސިއްހީ ފަރުވާ ބޭނުންވާއިރު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި 300 އަށްވުރެ ގިނަ އަންހެނުން ވިހާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ޔަމަންގައި ހުންނަ ޔޫއެންއެފްޕީއޭގެ މަންދޫބު ފްރެންޗެސްކޯ ގަލްޓިއޭރީ ވިދާޅުވި ގޮތުގައި، މިއީ ޔަމަންގެ އަންހެނުންނާއި އަންހެން ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތާ ދެކޮޅަށް ކުރެވޭ މަސައްކަތެކެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ސިއްހީ މަރުކަޒުތައް ބަންދުވެ، މަގުތައް ބަންދުވުމުން ތަމްރީނުލިބިފައިވާ ސިއްހީ އެހީތެރިންގެ ހިދުމަތް ނުލިބުމަކީ، ސަލާމަތް ކުރެވެން ހުރި ނުރައްކާތަކުން ފުރާނަ ގެއްލުމަށް މަގުފަހިވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް ތާއިޒް ގަވަރނޮރޭޓްގެ މަގްބަނާ އަދި ޖަބަލް ހަބަޝީ ސަރަހައްދުގައި ހުރި ކުއްލި މާބަނޑު މީހުންނަށް ހިދުމަތްދޭ މަރުކަޒުތައް އެކީ ބަންދުވެފައިވާ ކަމަށް އދ. އިން ބުނެއެވެ.

ޢަރަބި ސަރަހައްދުގައި މާބަނޑު ދުވަސްވަރު މަރުވާ އަންހެނުންގެ ނިސްބަތް އެންމެ މަތީ އެއް ގައުމަކީ ޔަމަން ކަމަށްވާއިރު، ސަލާމަތް ކުރެވެން ހުންނަ ސަބަބުތަކާ ހުރެ ދުވާލަކު ތިން އަންހެނުން މަރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޔޫއެންއެފްޕީއޭއިން މިހާރު ދަނީ އދ. ގެ އިދާރާތަކާ ގުޅިގެން ކުއްލި އެހީ ފޯރުކޮށްދެމުން ކަމަށްވީ ނަމަވެސް، މި ހިދުމަތްތައް ފުޅާކުރުމަށް އަވަސް ފަންޑިންގެ ގޮތުގައި 22.7 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، 2026 ވަނަ އަހަރަށް ޔަމަންގައި ހިންގުމަށް ކަނޑައަޅާފައިވާ 71 މިލިއަން ޑޮލަރުގެ އެޕީލަށް މިހާތަނަށް ލިބިފައިވަނީ އެންމެ 20 އިންސައްތަ ފަންޑު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް