ހުޅުމާލޭ، ފޮޓޯ؛ މޯލްޑިވްސް ވާރޗުއަލް ޓުއަރ
ހުޅުމާލޭ، ފޮޓޯ؛ މޯލްޑިވްސް ވާރޗުއަލް ޓުއަރ
ރާއްޖޭގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭގައި 50 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭއިރު، ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ފަހަކަށް އައިސް ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ، އެކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، ކުރިން ބޭރުގެ ލޯނު އެހީގެ ދަށުން ލ. ގަމުގައި ނަފްސާނީ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައި އޮތް ނަމަވެސް، ލޯނުގެ އިޖުރާއާތުތައް ދިގުލައިގެން ގޮސް މަސައްކަތް ލަސްވަމުންދާތީ، މި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މާލެ ސަރަޙައްދުގައި ހޮސްޕިޓަލެއް އެޅުމަށް ނިންމެވީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލެ ސަރަޙައްދުގައި ސަރުކާރު ބަޖެޓުން މި ފެސިލިޓީ ޤާއިމުކުރި ނަމަވެސް، ލޯނު ހަމަޖެހުމުން ލ. ގަމުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުވެސް ކުރިއަށްދާނެ ކަމަށެވެ. ލ. ގަމުގައި އަޅަން ނިންމާފައިވަނީ ގާތްގަނޑަކަށް 18 މިލިއަން ޑޮލަރުގެ ޚަރަދާއެކު 14،000 އަކަފޫޓުގެ ބިމެއްގައެވެ. އަދި މާލެ ސަރަޙައްދުގައި އަޅާ ހޮސްޕިޓަލަށްވެސް އެވަރުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަންނަނީ އާސަންދައިގެ ދަށުންވެސް ގިނަ ލުއިތަކެއް ދެމުންނެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އެޕްރީލް 23 ގެ ނިޔަލަށް، ސައިކޭޓްރިކް ކޮންސަލްޓޭޝަނާއި ސައިކޮލޮޖިކަލް ތެރަޕީ ހިމެނޭހެން ޖުމްލަ 10،954 މީހަކަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް މި ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު