އައިޖީއެމްއެޗްގައި ހުންނަ އައިނު ފިހާރަ
އައިޖީއެމްއެޗްގައި ހުންނަ އައިނު ފިހާރަ
އާސަންދައިން ލިބޭ އެހީގެ ތެރެއިން އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ގާއިމުކުރި އައިނު ފިހާރަތަކުން މިހާތަނަށް 24،000 އަށްވުރެ ގިނަ އައިނު ހަދައިދީފައިވާ ކަމަށާއި، މި ޚިދުމަތް އަތޮޅުތަކުގެ އިތުރު ހޮސްޕިޓަލްތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު އައިނު ހެއްދުމަށް އާސަންދައިން ދެމުންދިޔަ 1،000 ރުފިޔާގެ އެހީ 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވި ކަމަށެވެ. އަދި އެ އެހީގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދޭނެ ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން، އެމްސީޖީއެޗްއާ ޙަވާލުކޮށްގެން ސަރުކާރުގެ އައިނު ފިހާރަތަކުގެ ޚިދުމަތް ތަޢާރަފުކުރީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސީއީއޯ ފާހަގަކުރެއްވި ގޮތުގައި މި ފިހާރަތަކުން މިހާތަނަށް ހަދައިދިން 24،000 އަށްވުރެ ގިނަ އައިނަކީ، އައިނަކަށް ކަނޑައެޅިފައިވާ 2،000 ރުފިޔާގެ ރޭޓުން ބަލާއިރު ގާތްގަނޑަކަށް 48 މިލިއަން ރުފިޔާގެ ޚިދުމަތެކެވެ. މިއީ ސަރުކާރުގެ ތެރެއިން ހަމަޖެހިގެން ރައްޔިތުންނަށް މުޅިން ހިލޭ ފޯރުކޮށްދެވިފައިވާ ޚިދުމަތެކެވެ.

މި ޚިދުމަތް އެންމެ ފުރަތަމަ އައިޖީއެމްއެޗްގައި ފެށި ނަމަވެސް، މިހާރު ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ސަރުކާރުގެ އައިނު ފިހާރަތައް ޤާއިމުކޮށް ޚިދުމަތް ވަނީ ދޭން ފަށާފައެވެ. މި ތަންތަނަކީ ހަމައެކަނި އައިނު ލިބޭ ތަންތަނުގެ އިތުރުން، ލޮލުގެ ޓެސްޓުތައް ހެދުމާއި، އައިނު ނަންބަރު ނެގުމާއި އަދި އައިނުގެ ފްރޭމަށް ލެންސް ފިޓްކުރުން ފަދަ ލޮލާ ގުޅޭ ފުރިހަމަ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މަރުކަޒުތަކެކެވެ.

އާންމު ހުރިހާ ލެންސެއް މި ފިހާރަތަކުން ހެދެން ހުރި ނަމަވެސް، ރާއްޖޭގައި ތައްޔާރުނުކުރެވޭ ފަދަ ޚާއްޞަ އަދި ކޮމްޕްލިކޭޓެޑް ލެންސްތައް ހަދަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

ޚިދުމަތް ފެށި ދުވަސްވަރު ސްޓޮކް ހޯދުމުގައާއި އެހެނިހެން ކަންކަމުގައި ބައެއް ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، މިހާރު އެ ހުރިހާ ކަމެއް ޙައްލުކުރެވިފައިވާ ކަމަށް އެމްސީޖީއެޗުން ބުނެއެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށްވުމާއެކު، އަތޮޅުތެރޭގެ އެހެން ސަރަޙައްދުތަކަށް ޚިދުމަތް ދިނުމުގެ ގޮތުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ޕްލޭނިންގގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު