ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދިވެހިރާއްޖޭގެ ތަރައްޤީއާއި ދުނިޔެއާ އޮންނަ ގުޅުންތަކުގެ އެންމެ މުހިންމު އެއް ބާރަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވަނީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަޤްބޫލު މަންޒިލަކަށް ހެދުމަށްޓަކައި މަސައްކަތްކުރި ރައްޔިތުންނަށާއި، މި ޞިނާޢަތުގެ ބައިވެރިންނަށް ޝުކުރާއި ތަޢުރީފު ކުރަށްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މި ޞިނާޢަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއިން އާ އީޖާދުތަކަށް އަހުލުވެރިވެ، އިސްނަގައިގެން ކުރިއަށްދާންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށާއި، ހުނަރު އިތުރުކުރުމަށް އިންވެސްޓްކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޑިޖިޓަލް ޒަމާނުގެ ފުރުޞަތުތަކުގެ ބޭނުން ހިފުމާއެކު، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޚާއްޞަ ދިވެހިވަންތަކަމާއި، އަދި ދިވެހިންގެ ހިތްހެޔޮ މެހެމާންދާރީ ދެމެހެއްޓުމަކީ ރާއްޖެއަށް ލިބިފައިވާ ޚާއްޞަ ސިފަތައް ރައްކާތެރި ކުރުމަށް އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ "ފަތުރުވެރިކަން އަލުން ފަރުމާކުރުމަށް ޑިޖިޓަލް އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް" އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް