ފޮޓޯ: އެމްއެންޔޫ
ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ހިލްޓަން ބްރޭންޑްގެ ދަށުން ރާއްޖޭގައި ހިންގާ ތިން ރިޒޯޓަކާ ދެމެދު ވެފައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގެ އެއްބަސްވުން އަލުން އައުކޮށްފިއެވެ.

އެމްއެންޔޫ އިން މިއަދު ބުނީ، މި އެއްބަސްވުމުގައި ހިމެނެނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ހިލްޓަން މޯލްޑިވްސް އަމިންގިރި ރިޒޯޓް އެންޑް ސްޕާ އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އާއި، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގެ ޑީން ޒުލައިޚާ ރީޝާ ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން ވޯލްޑޯފް އެސްޓޯރިއާގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖޫލަކް، ހިލްޓަން އަމިންގިރީގެ ޖެނެރަލް މެނޭޖަރު މާކް އެލެޓްރ އާއި، ކޮންރަޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ނިކް ފްލިންގެ އިތުރުން އެ ރިޒޯޓުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއެޗްޓީއެސްގެ ލެކްޗަރަރ އިސްމާޢީލް ޝިޢާރު ވިދާޅުވީ، މިއީ މީގެ ދެތިން އަހަރު ކުރިން ފެށިގެން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ޕާޓްނަރޝިޕެއް ކަމަށެވެ. އަދި ދަރިވަރުން ކިޔަވާ އެއްޗެހި އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިޢާރު އިތުރަށް ވިދާޅުވީ، މި ޕާޓްނަރޝިޕްގެ ސަބަބުން ދަރިވަރުންނަށް ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ އަމަލީ ތަޖުރިބާ ކަމަށެވެ. އެގޮތުން ޔުނިވަރސިޓީން ދަސްކުރާ ހުނަރުތައް ފަސްތަރީގެ މާޙައުލެއްގައި އަމަލީ ގޮތުން ބޭނުންކޮށް، ދާއިރާގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޒޯޓުތަކުގެ މެނޭޖަރުން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ހުނަރުވެރިން ބިނާކުރުމަށާއި، ދިވެހި ދަރިވަރުންނަށް ފުރުޞަތުތައް ފަހިކޮށް ދިނުމުގައި އެހީތެރިވެވޭތީ އުފާކުރާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، އެމްއެންޔޫގެ އެފްއެޗްޓީއެސްގައި ކިޔަވާ ދަރިވަރުންނަށް ފްރަންޓް އޮފީސް، ހައުސްކީޕިންގ، ފުޑް އެންޑް ބެވަރެޖް، ބަދިގެ، މާކެޓިންގ އަދި ބެކް-އޮފް-ހައުސް ފަދަ އެކި ދާއިރާތަކުން އިންޓަރންޝިޕްގެ ފުރުޞަތުތައް ލިބިގެންދާނެއެވެ. މީގެއިތުރުން، ޔުނިވަރސިޓީގެ ލެކްޗަރ އިންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ވެސް އެކި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ ގިނަ އަދަދެއްގެ ދަރިވަރުން މި ތިން ރިޒޯޓުގައި ތަމްރީނު ހޯދާފައިވާއިރު، މިއީ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެ ދަރިވަރުންނަށް ލިބިގެންދިޔަ ބޮޑު އެހީތެރިކަމެއްކަން އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް