ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެ، އެބޭފުޅުންގެ ބުރަ މަސައްކަތާއި ޤުރުބާނީއަށްޓަކައި ޝުކުރުވެރިވާކަން ހާމަކުރަށްވައިފިއެވެ.

ރައީސް ޞާލިޙް މުދައްރިސުންގެ އަގު ވަޒަންކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ، ކުދިން އެންމެ ހެޔޮ ގޮތުގައި ބިނާކުރުމަށްޓަކައި، އެ ކުދިންނަށް ތައުލީމު ދިނުމާއި، ތަރުބިއްޔަތު ކުރުމާއި، ހިތްވަރު ދިނުމަށް މުދައްރިސުން ކުރަށްވާ ބުރަ މަސައްކަތަކާއި ޤުރުބާނީއަށްޓަކައި އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ. އެގޮތުން، ކޮންމެ ކުއްޖަކީވެސް ހުރިހާ ގޮތަކުން ޤާބިލު ކުއްޖަކަށް ހެދުމަށް މުދައްރިސުން ކުރަށްވާ މަސައްކަތްތަކުގެ މުހިންމުކަން ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުން ދަރިވަރުންގެ ދިރިއުޅުމަށް ދިރުން ގެނެސް، މުސްތަޤްބަލުގެ ރަނގަޅު ރައްޔިތުން ބިނާކުރުމަށްޓަކައި އަދާކުރައްވާ ދައުރު ބޮޑުކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. ޔުނެސްކޯ އާއި އައިއެލްއޯ ގުޅިގެން 1994 ވަނަ އަހަރު މި ދުވަސް ފާހަގަކުރަން ފެށުމުގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމީ ދާއިރާގައި މުދައްރިސުން ކުރަމުންދާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު