ޑައިމޯފިން އެތެރެކުރި މައްސަލައިގައި ޖަލު ހުކުމް އިއްވި މީހާ
ޑައިމޯފިން އެތެރެކުރި މައްސަލައިގައި ޖަލު ހުކުމް އިއްވި މީހާ
ގދ. ގައްދޫގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން މި ހުކުމް އިއްވާފައިވަނީ ގދ. ގައްދޫ، ނޫރީގެ، އުމުރުން 37 އަހަރުގެ ޢަލީ ޝަޒީނުގެ މައްޗަށެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައަކީ ގދ. ގަމުގައި އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ ސަރަހައްދު ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކަކާއި ބަނގުރާ ވަނީ ފެނިފައެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ޝަޒީނުގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މައްސަލައިގެ ޝަރީއަތް ނިންމައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ، އޭނާގެ މައްޗަށް އުފުލި މި ދެ ދައުވާ ވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު