ޑޮލަރު-
ޑޮލަރު-
ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 41 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ ބޭރު ފައިސާ ނުވަތަ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތައް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި ހިނގާ އޮކްޓޫބަރު މަހުގެ ފުރަތަމަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުށަހެޅުނު އެކި ސްކޭމްތަކުގައި އާންމުންގެ އަތުން ޖުމްލަ 386,611.68 ވަނީ ގެއްލިފައެވެ. ނަމަވެސް، މި މައްސަލަތައް ހުށަހެޅުމާ ގުޅިގެން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަގުތުން އެޅި ފިޔަވަޅުތަކާއެކު، އޭގެ ތެރެއިން 381,503.00 ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދާފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ރިޕޯޓްކޮށްފައިވާ 41 މައްސަލައިގެ ތެރެއިން 16 މައްސަލައަކީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެގޮތުން އޮންލައިން ވިޔަފާރިއާ ގުޅޭ 14 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.

މީގެއިތުރުން، ހޮޓާ އަދި ޓިކެޓް ބުކިން ރިފަންޑާ ގުޅޭ 5 މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ 5 މައްސަލައިގެ އިތުރުން، އެހެނިހެން ބާވަތުގެ ސްކޭމެއްގެ އެއް މައްސަލަ ވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ރެކޯޑްކުރެވިފައެވެ.

މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް މުޖުތަމައުގައި އިތުރުވަމުންދާތީ، މާލީ މުއާމަލާތްތައް ހިންގުމުގައި ރައްޔިތުން މީގެ ކުރިއަށްވުރެ ބޮޑަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް، ވިޔަފާރިކުރާ ފަރާތަކީ ކާކުކަން ރަނގަޅަށް ކަށަވަރު ނުވަނީސް އެޑްވާންސްކޮށް ފައިސާ ނުދެއްކުމަށާއި، ފައިސާ ޖަމާކުރާ އެކައުންޓްގެ ވެރިފަރާތުގެ ސައްހަކަން ސީދާ ޔަގީންނުކޮށް އެއްވެސް މާލީ މުއާމަލާތެއް ނުހިންގުމަށް ފުލުހުންގެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު