ތިމަރަފުށި-
ތިމަރަފުށި-
އަނބިމީހާއަށް ނޭނގި އޭނާގެ ބޭންކް އެކައުންޓުން އެކި ފަހަރު މަތިން ފައިސާ ނެގި ތ. ތިމަރަފުށީ ފިރިހެނަކު ހަތް މަހާއި ތިން ދުވަހަށް ޖަލަށް ލުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން އެ ފިރިހެން މީހާގެ މައްޗަށް ވައްކަމުގެ ދައުވާ އުފުލީ، އޭނާގެ އަނބިމީހާގެ ބޭންކް އެކައުންޓުން އޭނާއަށް ނޭނގި ވަގަށް 8،150 ރުފިޔާ އެކި ފަހަރު މަތިން ނަގާފައިވާ މައްސަލައެއްގައެވެ.

ޝަރީއަތުގެ މަޖިލީހުގައި މި ފިރިހެން މީހާ ވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި، އަމިއްލަ އިހްތިޔާރުގައި ދައުވާއަށް ފުރިހަމައަށް އިއުތިރާފުވެފައެވެ. ނަމަވެސް، އޭނާއަކީ ބަލި މަންމައަކާއި ކުޑަކުއްޖަކު ބަލަހައްޓަމުން އަންނަ މީހެއް ކަމަށާއި، އަނބިމީހާ ވަޒީފާއަށް ދިއުމުން ދަރިފުޅު ބަލަހައްޓަނީ އޭނާ ކަމަށް ބުނެ، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށް އޭނާ ކޯޓުގައި އެދުނެވެ.

މިކަމާ ގުޅިގެން ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން އިއްވި ހުކުމުގައި ބުނީ، އެ ފިރިހެން މީހާއަކީ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރަމުންދާ މީހެއް ނޫންކަން ޝަރީއަތަށް އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް އޭނާގެ ކިބައިގައި ފުރިހަމަނުވާތީ، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، އަދަބުގެ ދަރަޖަ އެއް ދަރަޖަ ދަށްކުރުމަށްފަހު ކޯޓުން ހުކުމްކުރީ ހަތް މަހާއި ތިން ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު