އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 ގެ ބައިނަލްއަޤްވާމީ ކީނޯޓް ސްޕީކަރުން، ފޮޓޯ: ޒަކާތު ހައުސް
އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 ގެ ބައިނަލްއަޤްވާމީ ކީނޯޓް ސްޕީކަރުން، ފޮޓޯ: ޒަކާތު ހައުސް
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026" (އިންޒެކް 2026) ގައި ތަޤްރީރުކުރައްވާ ބައިނަލްއަޤްވާމީ މުހިންމު ތިން ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 19:00 އަށް، އިސްލާމީ މަރުކަޒުގައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ރެޒިލިއަންޓް ފައުންޑޭޝަންސް: ޑިސިފަރިންގ ވަލްނަރަބިލިޓީ، އިކޮނޮމިކް އިމްޕެކްޓް، އެންޑް ކޮލަބޮރޭޓިވް ސޭފްޓީ ނެޓްސް އިން މޮޑަރން ސޮސައިޓީސް" މި ޝިޢާރުގެ ދަށުންނެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ފަގީރުކަން ނައްތާލުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ އީޖާދީ ގޮތްތައް ހޯދައި މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި އިސްލާމިކް ސޯޝަލް ފައިނޭންސާއި، ޒަކާތުގެ އިދާރީ ކަންކަމާއި، އަދި އިޤްތިޞާދީ ތަރައްޤީގެ ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުންނާއި ސިޔާސަތު އެކުލަވައިލައްވާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މުޅި ކޮންފަރެންސް ބަހާލެވިފައިވަނީ މައި ތަޤްރީރަކާއި ޕެނަލް މަޝްވަރާތައް ހިމެނޭ ތިން ސެޝަނެއްގެ މައްޗަށެވެ.

ފުރަތަމަ ސެޝަން ކަމަށްވާ "ދި އަނާޓޮމީ އޮފް މޮޑަރން ވަލްނަރަބިލިޓީ: ވައި އެންޑް ހައު ފެމިލީސް ފޯލް ބިހައިންޑް" ގައި ތަޤްރީރުކުރައްވާނީ މެލޭޝިޔާގެ އުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖޯހަރީއެވެ. އިސްލާމިކް އިކޮނޮމިކްސް އަދި ޒަކާތުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރައްވާފައިވާ ޑރ. ފުއާދާގެ ތަޤްރީރުގައި އަލިއަޅުވާލައްވާނީ މާލީ ގޮންޖެހުންތަކުގެ ސަބަބުން އާއިލާތަކަށް ކުރާ އަސަރުތަކާއި، އެފަދަ ނިކަމެތިކަމެއް ދާއިމީ ފަގީރުކަމަކަށް ބަދަލުވުމުގެ ކުރިން ފިޔަވަޅުއެޅުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ދެވަނަ ސެޝަން ކަމަށްވާ "ދި އާކިޓެކްޗަރ އޮފް ރެޒިލިއަންސް: މަލްޓިސެކްޓަރަލް އެލަޔަންސަސް އެންޑް އިންޓެގްރޭޓެޑް ސޮލިއުޝަންސް" އިސްވެ ނަންގަވާނީ މެލޭޝިޔާގެ އިންސީފް ޔުނިވަރސިޓީގެ ސެންޓަރ އޮފް އެކްސެލެންސް އިން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ޑިރެކްޓަރ، ޕްރޮފެސަރ ޑރ. އާމިރު ބިން ޝަހާރުއްދީނެވެ. އެބޭފުޅާގެ ތަޤްރީރުގައި، އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކޮށް އިޤްތިޞާދީ ފުދުންތެރިކަން ދެމެހެއްޓުމަށްޓަކައި އިސްލާމިކް ސޯޝަލް ފައިނޭންސް މުއައްސަސާތަކާއި، ދައުލަތުގެ ވެލްފެއަރ އިދާރާތަކާއި، އެންޖީއޯތައް އަދި ޕްރައިވެޓް ސެކްޓަރު ގުޅިގެން މަސައްކަތްކުރުމުގެ ބާރުވެރިކަމުގެ މައްޗަށް ބައްލަވާލައްވާނެއެވެ.

ތިންވަނަ ސެޝަން ކަމަށްވާ "ފްރޮމް ރެސިޕިއަންޓް ޓު ކޮންޓްރިބިއުޓަރ: އެވިޑެންސް-ބޭސްޑް ސަކްސެސް ސްޓޯރީސް އިން ޕޮވަރޓީ އަލީވިއޭޝަން" ގައި ތަޤްރީރުކުރައްވާނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާ ގެ އެސިސްޓެންޓް ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ، މިސްޓަރ ޔޫސުފް ބިން އަޙްމަދެވެ. ޒަކާތް ބެހުމާއި އިޖުތިމާޢީ-އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މިސްޓަރ ޔޫސުފްގެ ތަޤްރީރުގައި، ޒަކާތުގެ އެހީ ލިބޭ ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުފަހިކޮށްދީ، އެހީ ލިބިގަންނަ މީހުންގެ ގޮތުގައި ތިބުމުގެ ބަދަލުގައި ޒަކާތް ދައްކާ ފުދުންތެރި ބަޔަކަށް ބަދަލުކުރުމަށް ގެންގުޅެވިދާނެ ޢަމަލީ އިސްތިރާތީޖީތައް ހިއްސާކުރައްވާނެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ހަމައެކަނި ވަގުތީ މާލީ އެހީތެރިކަމެއް ދިނުމުގެ ބަދަލުގައި، ޒަކާތުގެ ދައުރު ފުޅާކޮށް، ދެމެހެއްޓެނިވި އިޖުތިމާޢީ ތަރައްޤީއަށް މަގުކޮށައިދޭނެ އެކްޝަން ޕްލޭނެއް އެކުލަވައިލުމެވެ. އަދި އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މި ކޮންފަރެންސްގެ ތެރެއިން ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް