ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން
ރަސްމާލެއިން ބޭރު ކުންފުންޏަކަށް ބިން ދިން މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް، އެ މައްސަލަ ކޯޓަށް ވެއްދެވި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޭން ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ، އެއީ ފުރަތަމަ މަރުހަލާގައި ސީދާ އެ ކޯޓަށް ހުށަހެޅޭނެ ޒާތުގެ މައްސަލައެއް ނޫން ކަމަށް ބުނެއެވެ. ނަމަވެސް ގާނޫނުގައި ލިބިދޭ އިހުތިޔާރުގެ ދަށުން، މި ނިންމުން އަލުން މުރާޖައާ ކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އަލީ ހުސައިން ވަނީ ހާމަކުރައްވާފައެވެ.

މީޑިއާއަކަށަ މައުލޫމާތު ދެއްވަމުން އަލީ ހުސައިން ފާހަގަކުރެއްވީ، މިއީ ގައުމުގެ މަސްލަހަތާއި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކާ ސީދާ ގުޅިފައިވާ ބޮޑު ދުސްތޫރީ މައްސަލައަކަށް ވާތީ، މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ވާނީ ފަނޑިޔާރުންގެ ބެންޗުގައި އަޑުއެހުންތަކެއް ބޭއްވުމަށް ފަހު ކަމަށެވެ. އަދި މިފަދަ މައްސަލަތައް އިދާރީ މޭޒުން ބޭރުކޮށްލުމުގެ ބާރު ރަޖިސްޓްރާއަށް ނޯންނާނެ ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ.

މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދައުލަތަށް އެއްވެސް އަގެއް ނުވަތަ ކުއްޔެއް ނުލިބޭ ގޮތަށް ބޮޑު ސަރަހައްދެއް ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. މީގެއިތުރުން އެ ބިމުގެ މައްޗަށް ތިންވަނަ ފަރާތްތަކާ އެކު މުއާމަލާތު ކުރުމުގެ ފުރިހަމަ މިނިވަންކަން ބޭރު ކުންފުންޏަކަށް ލިބޭ ގޮތަށް އޮތުމަކީ ރާއްޖޭގެ ސިޔާދަތީ ބާރަށް ލޮޅުން އަރާނެ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަލީ ހުސައިން ކޯޓުގައި އެދިވަޑައިގެންފައިވަނީ ގާނޫނާ ހިލާފު އެ އެއްބަސްވުން ބާތިލުކޮށްދިނުމަށެވެ. އަދި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން، އެއްބަސްވުމުގެ ދަށުން އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް