އިބްރާހިމް ރަޝީދު (އަބުޗާ)
އިބްރާހިމް ރަޝީދު (އަބުޗާ)
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކުރި މައްސަލަ ބަލައި، އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށްޓަކައި ޕެރޯލް ބޯޑުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލަ ބަލަން ނިންމީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ސިޓީގައި ފާހަގަކުރައްވާފައި ވަނީ، މިއީ އާންމު މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ވުމުން، އެކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އަދި މިފަދަ ބޮޑު ކުށްވެރިޔަކު ދޫކޮށްލަން ޕެރޯލް ބޯޑުގެ މެންބަރުންނަށް ގާނޫނީ ގޮތުން އޮޅުންއެރީ ކީއްވެގެންތޯ އާއި، އެގޮތަށް މިނިވަންކުރުމަށް ފަހު އިދާރީ ނިންމުމަކުން އަލުން ހައްޔަރުކުރެވޭނެ ގާނޫނީ އިޖުރާއަތަކީ ކޮބައިތޯ ބެލުން ފަދަ ކަންކަން ހިމެނޭހެން މުޅި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލަ ބަލައިގަނެ، އެކަން ހިނގި ގޮތް ސާފުކުރުމަށް ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފު ރަޝީދެވެ. މި ހުށަހެޅުމަށް ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ އިއްތިފާގުން ތާއީދުކުރައްވާފައެވެ.

އަބުޗާ އަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ކަނޑުމަތިން އަތުލައިގަތް މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ކޮންމެ ދައުވާއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅުނު ނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ މެއި މަހު އޭނާގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އަބުޗާ ތަންފީޒުކޮށްފައި ވަނީ ގާތްގަނޑަކަށް ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާގެ ހުކުމުން އަދިވެސް 20 އަހަރު ބާކީ އޮތް ނަމަވެސް، ޕެރޯލް ބޯޑުން އޭނާ ދޫކޮށްލުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މި މައްސަލަ ހޫނުވުމާ ގުޅިގެން، އެކި މުއައްސަސާތައް ތަމްސީލުކުރައްވާ މެންބަރުން ހިމެނޭހެން އެކުލަވާލާފައިވާ ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ހިނގާ މަހުގެ ހަވަނަ ދުވަހު އަބުޗާ ވަނީ އަލުން އަނބުރާ ޖަލަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް