ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އޮފިސަރަކަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" އަރުވައިފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މެޑަލް އޮފިސަރުންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ހާސިލުކުރެއްވި އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245)، ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) އެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. "ހޯކްސް ވޮޔޭޖް" ނަމަކަށް ކިޔާ މި ލޭންޑިންގ ކްރާފްޓް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ވަނީ ގަދަ ކަނޑަށް ދޫވެފައެވެ. ނަމަވެސް، މެޑަލް ހާސިލުކުރި ތިން އޮފިސަރުން ނުރައްކާތެރި މާހައުލެއްގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތުން، މާތް ﷲ ގެ ރަޙްމަތްފުޅާއެކު އޭގެ ތެރެއިން 8 މީހެއްގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ.

މެޑަލް ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ސާބިތުކަމާއި، ހިތްވަރާއި، އަދި އިޚްލާޞްތެރިކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އަދި އަމިއްލަ ނަފްސަށް ބެލުމެއްނެތި، މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މި އޮފިސަރުން ދެއްކެވި ނަމޫނާ ހިތްވަރަށް ސީޕީ ވަނީ ނުހަނު ތައުރީފު ކުރަށްވައި ޝުކުރު އަދާކުރަށްވާފައެވެ.

މީގެއިތުރުން، މިފަދަ ކުއްލި އަދި ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާއިރު އެންމެން ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ފުރިހަމަ ތައްޔާރީ ހާލަތެއްގައި ތިބުމުގެ މުހިންމުކަން ވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ފުރާނަ ސަލާމަތް ކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އެންމެ މަތީ އަހައްމިއްޔަތުކަމެއް ދޭނެކަން ތަކުރާރުކުރައްވަމުން، ޤައުމީ ވާޖިބު އަދާކުރުމުގައި މިފަދަ ނަމޫނާ ހިތްވަރާއި އިޚްލާޞްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަން ކުރުމަކީ ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު