ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު، ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފިއެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތެއްގައި ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވަނީ ސ. ހިތަދޫ، އުމުރުން 44 އަހަރުގެ އަންހެނެއްގެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައި ވާގޮތުން، މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. އެއީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތީ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭނާ ބަންދުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކާ ހަވާލާދީ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މީގެއިތުރުން، އޭނާއަކީ މީގެ ކުރިންވެސް ކުށުގެ ވެށީގައި އުޅެ، ބަންދުކުރެވިފައިވާ ކުށުގެ ރެކޯޑު އޮތް ފަރާތެއްކަން ފުލުހުން ވަނީ ޝަރީއަތަށް ހާމަކޮށްފައެވެ.

ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ އެކަށީގެންވާ ހެކި ހުށަހަޅާފައިވުމާއި، މުޖުތަމައުއަށް ދޫކޮށްލައިފިނަމަ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ވަނީ ބުނެފައެވެ.

ހޮސްޕިޓަލުގައި އޮތް ނަމަވެސް ބަންދު ދަމަހައްޓަން އަމުރުކުރުމާއެކު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ސިއްހީ ހާލަތު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާތާ 24 ގަޑިއިރުގެ ތެރޭގައި، ބަންދާމެދު އަލުން ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ކޯޓުން ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް