ތިނަދޫގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އުފައްދައި ވިޔަފާރިކުރާ މައްސަލައިގައި ހައްޔަރު ކުރި މީހާ، ފޮޓޯ: ފުލުހުން
ތިނަދޫގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އުފައްދައި ވިޔަފާރިކުރާ މައްސަލައިގައި ހައްޔަރު ކުރި މީހާ، ފޮޓޯ: ފުލުހުން
ގދ. ތިނަދޫ ސިޓީގައި ގަވާއިދާ ޚިލާފަށް ބަނގުރާ ކައްކައި، އޭގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ އިސް މީހަކު ފުލުހުންގެ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތިނަދޫ، ރިހިކޮކާގެ، އުމުރުން 21 އަހަރުގެ މުޙައްމަދު އަފާޒު ބިން ޢަބްދުﷲ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ އެ ރަށުގައި ބަނގުރާ އުފައްދައި، ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ނެޓްވޯކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު އިތުބާރު ހުރި މައުލޫމާތަކާ ގުޅިގެން، ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ހިންގި ޚާއްޞަ ހަރަކާތެކެވެ.

އޮޕަރޭޝަންގެ ތެރެއިން، ތުހުމަތުކުރެވޭ އަފާޒާ ގުޅުންހުރި ކަމަށް ބެލެވޭ ތިނަދޫގެ ފްލެޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެގޮތުން، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަފާތު ސާމާނުތަކުގެ އިތުރުން، ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެހި އަޅާފައި ހުރި 20 ލީޓަރުގެ ތިން ހަމާއި، 500 މިލިލީޓަރުގެ ފުޅިއެއް އެ ތަނުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އަފާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ނެޓްވޯކާ ގުޅުންހުރި އިތުރު ކަންކަން ހޯދުމަށް ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު