ފުލުހުން-
ފުލުހުން-
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ 'ޑީޕްފޭކް' އަޑާއި ވީޑިއޯ ބޭނުންކޮށްގެން، ދަންނަ ރައްޓެހިންނާއި އާއިލާގެ މީހުންގެ ސިފައާއި އަޑު ނަކަލުކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާތީ އެކަމަށް އާންމުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި މިއަދު ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އިތުބާރުކުރެވޭ މީހެއްގެ އަޑު އިވުނަސް އަދި ވީޑިއޯއިން ފެނުނު ކަމުގައި ވިޔަސް، އެއީ ހަގީގަތުގައި ވެސް އެ މީހާ ކަމަށް ނުބެލެވޭ ހާލަތްތައް މިހާރު ދިމާވަމުންދާ ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ އެހީގައި އުފައްދާ ޑީޕްފޭކްތަކުގެ ސަބަބުން މިފަދަ ސްކޭމްތައް ދެނެގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ފުލުހުން ބުނީ، ކުށްކުރާ ފަރާތްތަކުން އަންނަނީ އަޅުގަނޑުމެން ދަންނަ ގާތް މީހުންގެ އަޑާއި ވީޑިއޯ ނަކަލު ކޮށްގެން، ކުއްލި ހާލަތެއް މެދުވެރިވެގެން އުޅޭކަމަށް ދައްކައި، ބިރުދައްކައި ނުވަތަ އަވަސްއަރުވާލައިގެން މީހުން ލައްވާ ފައިސާ ޓްރާންސްފަރ ކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.





މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، ކިތަންމެ އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ނުވަތަ ޒާތީ މައުލޫމާތު ހިއްސާކުރަން އެދުނު ކަމުގައި ވިޔަސް، ޕްރެޝަރަށް ނުބަލައި ސަމާލުވެ ތިބުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް މުއާމަލާތެއް ހިނގައިފިނަމަ، އިތުބާރު ހުރި އެހެން ވަސީލަތެއް މެދުވެރިކޮށް (މިސާލަކަށް އެމީހެއްގެ އަމިއްލަ ނަންބަރަށް ސީދާ ގުޅައިގެން) އެކަން ކަށަވަރު ކުރުމަށް ފަހު ނޫނީ އެއްވެސް މައުލޫމާތެއް ނުވަތަ ފައިސާއެއް ނުފޮނުވުމަށް ވެސް އަންގާފައިވެއެވެ.

ސްކޭމްތަކަކީ ވިސްނައިނުލައި އަވަސްއަރައިގަނެގެން ކުރެވޭ ކަންކަމުގެ ތެރެއިން ހިނގާ ކަންކަން ކަމަށްވާތީ، މިފަދަ ކަންކަމުގައި ފުންކޮށް ވިސްނާލުމަށް ދެވޭ ކުޑަ ވަގުތުކޮޅަކުން ވެސް ބޮޑެތި ގެއްލުންތަކުންނާއި ސްކޭމްތަކުން ސަލާމަތްވެވިދާނެ ކަމަށް ފުލުހުން ހަނދާންކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު