މަރްޔަމް ނަހްދާ ވަޙީދު   21 އޮކްޓޯބަރު 2026 - 11:25
މޫސުން ގޯސް ދުވަހެއް-
މޫސުން ގޯސް ދުވަހެއް-
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:20 އިން ފެށިގެން ހަވީރު 16:20 އާ ހަމައަށެވެ. އެ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ވަގުތުތަކުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވަމުންދާ މި ދަނޑިވަޅުގައި، މެޓް އޮފީހުން ދަނީ އެކި ސަރަޙައްދުތަކަށް ވާރޭވެހޭ މިންވަރު 24 ގަޑިއިރުގެ ތެރޭގައި މޮނިޓަރކޮށް ރެކޯޑް ކުރަމުންނެވެ. އެ އިދާރާގެ ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 62.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.

މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުންނާއި، ޚާއްޞަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ރައްޔިތުންނަށް ވަނީ އިރުޝާދު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު