މޫސުން ގޯސް ދުވަހެއްގައި ކޯސްގާޑް އުޅަނދެއް. ފޮޓޯ: އެމްއެންޑީއެފް
މޫސުން ގޯސް ދުވަހެއްގައި ކޯސްގާޑް އުޅަނދެއް. ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ ސަރަޙައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކަނޑުމަގުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރުމަށާއި، ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް އެދޭ ކަމަށެވެ. އަދި ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާޞަލާތީ ނިޒާމުތަކުގެ އިތުރުން ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ވަސީލަތްތައް ހުރީ ރަނގަޅަށް މަސައްކަތްކުރާ ޙާލަތުގައިތޯ ޗެކްކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށާއި، ބަރުކުރާ މުދާ ރަނގަޅަށް ލައިސަންލައި ބަނދެފައި ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުގެ ބައިވެރިން ލައިފްޖެކެޓް އެޅުމަށާއި، ފަޅުވެރިންނާއި ދަތުރުވެރިން ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ ހަނދާންކޮށްދީފައެވެ.

ކަނޑުދަތުރުފަތުރުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އަދި ޚާއްޞަކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު (ޔެލޯ ނުވަތަ އޮރެންޖް އެލާޓް) ނެރެފައިވާ ސަރަޙައްދުތަކުގައި ކަނޑުދަތުރު ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއެއްކަމުގައި އެމްއެންޑީއެފުން ހާމަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު