އެމްޓީސީސީން މާލޭގެ މަގުތަކުގައި ފެން ހިއްކަނީ، ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން މާލޭގެ މަގުތަކުގައި ފެން ހިއްކަނީ، ފޮޓޯ: އެމްޓީސީސީ
މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އެމަޖެންސީ ޓީމުތަކުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 367.82 ޓަނުގެ ފެން ހިންދައިފިއެވެ.

މި މަހުގެ 21 އަދި 22 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އެމްޓީސީސީގެ އެމަޖެންސީ ސާވިސަސްއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ، ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް ކުރިމަތިވި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހިންގި ހަރަކާތެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އެންމެ ގިނައިން ފެން ހިންދާފައިވަނީ ބޮޑުތަކުރުފާނު މަގު، މަސްވެރިންގެ ޕާކު ސަރަހައްދުންނެވެ. އެ ސަރަހައްދުން އެކަނިވެސް 174.99 ޓަނުގެ ފެން ޕަންޕު ބޭނުންކޮށްގެން ވަނީ ބޭރުކޮށްފައެވެ. މީގެ އިތުރުން ސޯމިލް ސަރަހައްދުން 89.72 ޓަނުގެ ފެން ހިންދާފައިވާއިރު، ހެންވޭރު ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުން 53.03 ޓަނުގެ ފެން ވަނީ ހިންދާފައެވެ. އަދި ހުޅުމާލޭގެ އޮލްޑް ކޭލަ ގެމަތަ ސަރަހައްދުންވެސް 50.08 ޓަނުގެ ފެން ޕަންޕުކޮށް ވަނީ ހުސްކޮށްފައެވެ.

ފެން ހިންދުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގުމުގެ އިތުރުން، ގެތަކަށާއި ފިހާރަތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ވެލި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ. އެގޮތުން ޑަމްޕް ޓްރަކް ބޭނުންކޮށްގެން ހުޅުމާލެ ފޭސް 2 އިން މާލެއަށް ވެލި އުފުލައިދީ، ކަމާބެހޭ ފަރާތްތަކަށް ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުއްލި ނުރައްކަލުގެ މިފަދަ ހާލަތްތަކުގައި އާންމު ރައްޔިތުންގެ މުދަލާއި ފުރާނައިގެ ރައްކާތެރިކަމަށްޓަކައި ސަރުކާރާއި ކަމާބެހޭ އިދާރާތަކާ ގުޅި

ގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް